Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

ކައުންސިލް މިނިސްޓްރީ އަކީ ބިރުވެރި ވާހަކައެއް

ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދާނެ ކަމަށް ވިދާޅުވެ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަތަކަކީ ބިރުވެރި ވާހަކައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި ހދ. ފިނޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވަނީ ސަރުކާރު ގްރާންޓުން ކައުންސިލްތަކަށް ނުވާ ކަމަށާއި، އިތުރު އެހީތައް ފޯރުކޮށްދިނުމަށް އެކަމަށް ހާއްސަ މިނިސްޓްރީއެއް ޤާއިމް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އޭރުން ވަރަށް ރަނގަޅަށް ކައުންސިލްތައް ބާރުވެރިކުރެވި މަސައްކަތް ކުރާތަން ފެންނާނެ ކަމަށް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ރައީސް ވިދާޅުވީ އެ ދައްކަވަނީ ވަރަށް ބިރުވެރި ވާހަކައެއް ކަމަށާއި އަނެއްކާވެސް އިދިކޮޅުން އުޅުއްވަނީ ބާރުތައް ސެންޓްރަލައިޒް ކުރުމުގެ މަސައްކަތެއް ކުރަން ކަމަށެވެ. ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކަށް ހަދަމުންދިޔަ ގޮތް އެންމެންނަށް ފެންނާނެ ކަމަށާއި އެގޮތުން ކައުސިލްތައް ސަސްޕެންޑްކޮށް ކައުންސިލްތަކުގެ ބާރުތައް ސަރުކާރަށް ނެގީ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަން ކުރަން އެ އުޅެނީ. އެއީ މި ރާއްޖެ ތަރައްގީ ކުރުމަށް އެންމެ ބޮޑު ހުރަހެއް ކަމަށް އަޅުގަނޑުމެން ދުށީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަނެއްކާވެސް ފެންނަނީ އިދިކޮޅުން އަނބުރާ މާލެއަށް ބާރުތައް ޖަމާކުރާތަން ކަމަށާއި އެއީ ބިރުވެރިކަމެއް ކަމަށެވެ.

"އެއަށް ފުރުސަތު ލިބިއްޖިއްޔާ އަނެއްކާ ވެސް އެނބުރި އަޅުގަނޑުމެން ދާނީ އެތައް އަހަރެއް ފަހަތަށް،" ރައީސް ވިދާޅުވި އެވެ.

ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް ޤާއިމް ކުރަން މުއިއްޒު ހުށަހަޅުއްވާފައިވާއިރު، މީގެ ކުރިން ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކުން ބާރުތައް ނަގައި މުއިއްޒު ހަވާލުވެ ހުންނެވި ވުޒާރާ، ހައުސިންގް މިނިސްޓްރީގެ ދަށަށް ބާރުތައް ބަދަލު ކުރި އެވެ. އަދި ހައުސިން މިނިސްޓްރީގެ އޮފީސްތައް އަވަށްތަކުގައި އޭރު ހުޅުވި އެވެ.