Last Updated: October 24, 18:51
Thursday, October 24, 2024
ޚަބަރު

ނަޝީދަށް އިންސާފު ހޯދައި ދޭނީ އަޅުގަނޑު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދޭނީ ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއްގައި ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިރޭ މާފަންނު އުތުރު ދާއިރާގައި ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ނަޝީދަށް ދިން އަނިޔާވެރި އުދުވާނީ ހަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދެވިފައި ނުވާ ކަމަށާއި މި ސަރުކާރުން އެކަމަށްޓަކައި ދޭންވާ ސަމާލުކަން ދީފައި ނުވާ ކަމަށެވެ.

"އެހެންވީމަ އިންސާފުވެރި ސަރުކާރެއް އަޅުގަނޑުމެން ގާއިމްކުރަން މި އަންނަނީ. އިރާދަކުރެއްވިއްޔާ އެމަނިކުފާނަށް އިންސާފު ހޯދައިދޭނީ އަޅުގަނޑުމެން ގާއިމްކުރާ ސަރުކާރެއްގައި،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މި ގައުމަށް ހަމަޖެހުން އަންނާޏީ އަދުލުވެރިކަން އިސްކޮށް، އިންސާފުވެރިކަން ހަގީގީ މާނާގައި ގާއިމްކޮށްދީގެން ކަމަށެވެ. އޭނާގެ ވެރިކަމެއްގައި އެކަންކަން ޔަގީންކުރާނެ ކަމަށް ތަކުރާރުކޮށް މުއިއްޒު ވިދާޅުވި އެވެ.

ނަޝީދު އަވަހާރަކޮށްލުމަށް 2021 ގެ މެއި ހަ ވަނަ ދުވަހުގެރޭ ދިން ހަމަލާއަށްފަހު އެމަނިކުފާނަށް ފޯރުކޮށްދޭ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ނަޝީދުގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން އެމަނިކުފާނަށް ދައުލަތުން ހާއްސަ ގެކޮޅެއް ހަމަޖައްސައިދީފައިވާއިރު އެ ގެކޮޅު ހުންނަ މަގުގެ ދެ ފަރާތުގައި ރަތް ރޮނގު ދަމައި ވަނީ ރެޑް ޒޯނަކަށް ބަދަލުކޮށްފަ އެވެ.

ނަޝީދަށް ހަމަލާ ދިނީ އެމަނިކުފާނު އޭރު ދިރިއުޅެމުން ގެންދެވި އާއިލީ ގެކޮޅު ގ.ކެނެރީގެ ހުންނަ ގޯޅިގަނޑުގައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެންނެވެ. އެ ހަމަލާއާ ގުޅިގެން އަށް މީހެއްގެ މައްޗަށް ދައުވާ އުފުލިއިރު އެތަނުން ކުށް ސާބިތުވީ އަދި އެންމެ މީހެއްގެ މައްޗަށެވެ.