އެމްޑީޕީ އަށް ވެރިކަން ގެއްލިއްޖެ ނަމަ ގައުމު ބަނގުރޫޓުވާތަން ފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މާފަންނުގައި މިރޭ އެމްޑީޕީން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ބޭރުގެ ފަރާތްތަކުގެ އެހީ ހޯދަމުންދާތީ އިދިކޮޅުން ތަފާތު އެކި ވާހަކަތައް ދައްކަމުންދާއިރު އެ ބޭފުޅުންގެ ސަރުކާރަށް އެކަން ނުކުރެވުނީ ދޭދޭ ގައުމުތަކާ ދެމެދު އޮންނަންޖެހޭ ހާރިޖީ ސިޔާސަތު ނެތުމުން ކަމަށެވެ.
ޕީޕީއެމްގެ ސަރުކާރުގައި އަވަށްޓެރި ގައުމުތަކާއެކު ވެސް ގުޅުމެއް ނެތް ކަމަށާއި ނަމަވެސް މި ސަރުކާރުން އެދުމުން ފައިސާ ދޭނެ ކިތަންމެ ފަރާތެއް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބޭރުގެ މާލީ އިދާރާތަކުން ލޯނުތައް ރާއްޖެ އަށް ދެނީ އެ އަނބުރާ ދެއްކޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށްވެސް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންނަށް މި އިންތިހާބު ކުރެވޭ ކަމަކުން ގެއްލިއްޖެނަމަ މި ގައުމު ބަނގުރޫޓުވެގެންދާތަން އަޅުގަނޑަށް ފެނޭ. ވިސްނުންތެރިކަމާއެކީ މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އެދުމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްޑީޕީ އާއި ކޯލިޝަން ހުރިހާ ޕާޓީތަކުގެ މަގުސަދަކީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށާއި އެ ނޫން އެއްވެސް މަގުސަދެއް ނެތް ކަމަށެވެ. އެގޮތުން ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ނުޖެހޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދުވެސް ބައްލަވަންވީ، އަޅުގަނޑު ވެރިކަމުން ފޭބީމަ ވެސް ބައްލަވަންވީ އަޅުގަނޑު ޔަގީންކަމާއެކު މި ދަންނަވަނީ އަޅުގަނޑާ ދޭތެރޭ ތުހުމަތު ކުރާނެ ކަމެއް ވެސް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ އެފަދަ މައްސަލައެއް އޮތްނަމަ މިހާރު ވެސް އޭސީސީ އަށް ހުށަހަޅަންވީ ކަމަށާއި އެފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ވިދާޅުވެފަ އެވެ.