ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދަތުރުކުރި ދެ ޕާޓީ އަށް ޝަރުތުތަކެއް ހުށަހަޅައި އެ ކަންކަމަށް އެއްބަސްވާން މުހުލަތެއް ދިނުމަށް ދަ ޑިމޮކްރެޓްސް އިން މިރޭ ފާސްކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރަށް ދަތުރުކުރީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މިރޭ ބޭއްވި ޑިމޮކްރެޓުންގެ ވަގުތީ ކައުންސިލްގެ ބައްދަލުވުމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ މި މަހުގެ 28 ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީން އެއްބަސްވާ ނަމަ އެ ޕާޓީއާއެކު މަޝްވަރާކުރުމަށާއި އަދި ޕީއެންސީން އެކުލަވާލާ ސަރުކާރެއްގައި ޑިމޮކްރެޓްސްގެ ހިއްސާވާ މިންވަރާއި އެ ޕާޓީގެ ސިޔާސަތުތައް ހިމެނޭނެ މިންވަރު ބަޔާންކުރާ ލިޔުމެއްގައި ސޮއިކުރުމަށް އެއްބަސްވުމަށެވެ.
މި ކަންކަމަށް އަންނަ ބުދަ ދުވަހުގެ ނިޔަލަށް އެއްބަސްވުމަށް ޑިމޮކްރެޓްސް އިން ވަނީ އެމްޑީޕީ އަދި ޕީއެންސީ އަށް މުހުލަތެއް ދީފަ އެވެ. މި ކަންކަމަށް ދެ ޕާޓީން ވެސް އެއްބަސްނުވާނަމަ ދެވަނަ ބުރުގައި ކޮޅެއް ނުނަގަން ގަރާރުގައި ވަނީ ހިމަނައިފަ އެވެ. ޝިފާޒުގެ ގަރާރު ފާސްކުރީ ކައުންސިލްގެ އަޣުލަބިއްޔަތުންނެވެ.
ޑިމޮކްރެޓްސް އިން މިފަދަ ގަރާރެއް މިރޭ ފާސްކުރިއިރު ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގެން ނެތް ކަމަށް އެމްޑީޕީން ވަނީ އަންގާފަ އެވެ. އެމްޑީޕީން ހުށަހަޅާފައިވަނީ އިންތިހާބަށް ފަހު މިއަހަރުތެރޭ އެފަދަ ވޯޓެއް ނެގުމަށެވެ. ނިޒާމީ ވޯޓާއި ގުޅޭގޮތުން ޑިމޮކްރެޓްސް އިން ޕީޕީއެމް-ޕީއެންސީއާއެކު ވެސް މަޝްވަރާ ކުރާއިރު އަދި އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.