Last Updated: July 27, 09:39
Saturday, July 27, 2024
ޚަބަރު

ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ޖެހިފައި ނޯންނާނެ

ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިގެންފައި ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މާފަންނުގައި މިރޭ އެމްޑީޕީން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީ އާއި ކޯލިޝަން ހުރިހާ ޕާޓީތަކުގެ މަގުސަދަކީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށާއި އެ ނޫން އެއްވެސް މަގުސަދެއް ނެތް ކަމަށެވެ. އެގޮތުން ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ނުޖެހޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދުވެސް ބައްލަވަންވީ، އަޅުގަނޑު ވެރިކަމުން ފޭބީމަ ވެސް ބައްލަވަންވީ، އަޅުގަނޑު ޔަގީންކަމާއެކު މި ދަންނަވަނީ އަޅުގަނޑާ ދޭތެރޭ ތުހުމަތު ކުރާނެ ކަމެއް ވެސް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެފަދަ މައްސަލައެއް އޮތްނަމަ މިހާރު ވެސް އޭސީސީ އަށް ހުށަހަޅަންވީ ކަމަށާއި އެފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އިންތިހާބުގެ ދެވަނަ ބުރު ތަފާތު ބޮޑުކޮށް ކާމިޔާބު ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.

އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ.