Last Updated: October 4, 15:06
Wednesday, October 4, 2023
ޚަބަރު

"އެއް ހޮރުން ދެ ފަހަރަށް ކަށި ނުޖެހޭނެ"

އެއް ހޮރުން ދެ ފަހަރު ދެ ކަށި ނުޖެހޭނެ ކަމަށް ވިދާޅުވެ ދަ ޑިމޮކްރެޓްސްގެ ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުސީދާ ގޮތެއްގައި އެމްޑީޕީ އަށް ބަހުގެ ހަމަލާއެއް އަމާޒުކުރައްވައިފި އެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ ވެރިކަމުގެ މި ދައުރު ނިމުމުގެ ކުރިން ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓު ނަގަން އެއްބަސްވެވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން ބޭނުން ވަނީ ނިޒާމީ ވޯޓު މި މަހުގެ 28 ގައި ނެގުމަށެވެ.

ރައީސް އެހެން ވިދާޅުވެފައި ވަނިކޮށް ނަޝީދުގެ ނުރަސްމީ އެކައުންޓު، "މުހައްމަދު ނަޝީދު އަންއޮފިޝަލް" އެކައުންޓުން ކުރި ޓްވީޓެއްގައި ވިދާޅުވީ އެއް ހޮރުން ދެ ފަހަރު ކަށި ނުޖެހޭނެ ކަމަށް މީހުން ބުނެ އުޅޭ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުން އަމަލުކުރާނެ ގޮތެއް ނިންމަން ރޭ ބޭއްވި އެ ޕާޓީގެ ވަގުތީ ކައުންސިލްގެ ބައްދަލުވުމުގައި ވަނީ ދެވަނަ ބުރަށް ދަތުރުކުރި އެމްޑީޕީ އަދި ޕީއެންސީ އަށް ޝަރުތުތަކެއް ހުށަހަޅާފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ މި މަހުގެ 28 ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީން އެއްބަސްވާ ނަމަ އެ ޕާޓީއާއެކު މަޝްވަރާކުރުމަށާއި އަދި ޕީއެންސީން އެކުލަވާލާ ސަރުކާރެއްގައި ޑިމޮކްރެޓްސްގެ ހިއްސާވާ މިންވަރާއި އެ ޕާޓީގެ ސިޔާސަތުތައް ހިމެނޭނެ މިންވަރު ބަޔާންކުރާ ލިޔުމެއްގައި ސޮއިކުރުމަށް އެއްބަސްވުމަށެވެ.

މި ކަންކަމަށް މާދަމާގެ ނިޔަލަށް އެއްބަސްވުމަށް ޑިމޮކްރެޓްސް އިން ވަނީ އެމްޑީޕީ އަދި ޕީއެންސީ އަށް މުހުލަތެއް ދީފަ އެވެ. މި ކަންކަމަށް ދެ ޕާޓީން ވެސް އެއްބަސްނުވާނަމަ ދެވަނަ ބުރުގައި ކޮޅެއް ނުނަގަން ގަރާރުގައި ވަނީ ހިމަނައިފަ އެވެ. ޝިފާޒުގެ ގަރާރު ފާސްކުރީ ކައުންސިލްގެ އަޣުލަބިއްޔަތުންނެވެ.