ކުރަންޖެހޭ ކަމަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރުމަށްފަހު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ވަރަށް އަވަހަށް ވެރިކަމުން ބޭލުން ކަމަށް ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލްގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ޑިމޮކްރެޓުން އެކަނި ނިކުމެ ރާއްޖޭގެ ރައްޔިތުންނަށް އެހެން ގޮތެއް ހޯދައިދެވެން އޮތްތޯ ވިސްނާލަންޖެހޭ ކަމަށާއި ރައްޔިތުންގެ ހިތްވަރާއެކު އެކަން ކުރެވެން އެބައޮތް ކަމަށެވެ.
"މި އޮތް ގޮތަކީ އަޅުގަނޑު ދެކޭ ގޮތުގައި މި އަންނަ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހު ދެރަކުރުން ދެވަނަ ބުރުގައި. ދެރަކުރުން. ދެރަކޮށްފައި ވަރަށް އަވަހަށް މުއިއްޒު އަނެއްކާ ވެރިކަމުން ބޭލުން އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް މިހެން ވިދާޅުވި އިރު ޑިމޮކްރެޓުން އަންނަނީ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޕީޕީއެމް-ޕީއެންސީއާއެކު މަޝްވަރާތައް ކުރަމުންނެވެ. ޑިމޮކްރެޓުން އިދިކޮޅަށް ކުރާ ޝަރުތަކީ ޕީއެންސީން އެކުލަވާލާ ސަރުކާރެއްގައި ޑިމޮކްރެޓްސްގެ ހިއްސާވާ މިންވަރާއި އެ ޕާޓީގެ ސިޔާސަތުތައް ހިމެނޭނެ މިންވަރު ބަޔާންކުރާ ލިޔުމެއްގައި ސޮއިކުރުމަށް އެއްބަސްވުމެވެ. މިކަމަށް އެއްބަސްވާން ދީފައިވާ މުހުލަތު މާދަމާ އަށް ހަމަވާނެ އެވެ.
ޕީޕީއެމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވަނީ ޑިމޮކްރެޓްސްއާއެކު ގިނަ ކަންކަމަށް މިހާރުވެސް އެއްބަސްވެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންނަށް އަދި އެއްޗެއް ހާމަކުރެވޭނީ ދެބައި މީހުންނަށް ކޮންމެވެސް ވަރެއްގެ އެއްބަސްވުމަކަށް އާދެވިގެން. އެކަމަކު ވަރަށް ގިނަ ކަންތައްތަކަކަށް އެއްބަސްވެވިފައި މިހާރުވެސް ހުރީ،" ތޮލާލް ވިދާޅުވި އެވެ.
ޕީޕީއެމުން އެއްވެސް ލިޔުމެއްގައި ސޮއިކުރަން ބޭނުން ނުވާ ކަމަށް ޑިމޮކްރެޓްސް އިން ދާދިފަހުން ބުނެފައިވާއިރު ތޮލާލް ވިދާޅުވީ އެއްބަސްވުމެއްގައި ސޮއިކުރަން ބޭނުން ނުވާ ކަމަށް މުޅިން ނިންމާފައި ނުވާނެ ކަމަށާއި ސޮއިކުރަންޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ. އަދި އެއްޗެއްގައި ސޮއިކުރެވޭނީ މަޝްވަރާތަކަށްފަހު ކަމަށް ވިދާޅުވި އެވެ.