Last Updated: October 24, 18:51
Thursday, October 24, 2024
ޚަބަރު

އިންތިހާބާ ގުޅޭ 32 މައްސަލައެއް އޭސީސީން ބަލަނީ

ރިޔާސީ އިންތިހާބާ ގުޅޭ 32 މައްސަލައެއް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން އިއްޔެ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މި މަހުގެ 9 ގައި ބޭއްވ އިންތިހާބާ ގުޅިގެން މިހާތަނަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން 32 ޝަކުވާއެއް މައްސަލަތަކުގެ ގޮތުގައި ރެޖިސްޓްރީކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އޭސީސީން ބުނި ގޮތުގައި އެ މައްސަލަތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ތިން މައްސަލައަކާއި، ރިޔާސީ އިންތިހާބާއގުޅިގެން އުފައްދާފައިވާ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ އަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެ ބިއުރޯގެ އިހުތިސޯސްގައި ނުހިމެނޭ ކަމަށް ނިންމައި، އިލެކްޝަން ކޮމިޝަން (އީސީ) ގެ ފަރާތުން އޭސީސީ އަށް ހުށަހަޅާފައިވާ ހަތަރު މައްސަލައެއް ވެސް ހިމެނެ އެވެ.

އޭސީސީން މިހާރު ތަހުގީގު ކުރަމުން އަންނަ 32 މައްސަލަތަކުގެ އިތުރަށް އެއްވެސް މައްސަލައެއް ނުވަތަ ޝަކުވާއެއް، ލިބިފައި ނުވާ ކަމަށް ބުންޏެވެ. އެތަނުން އިންތިހާބާ ގުޅުން ހުރި މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ބުނެފައި މި ވަނީ އިންތިހާބާ ގުޅޭ އެއްވެސް ކަމެއް ނުބަލައި އޭސީސީ ނިދާފައި އޮތް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ފާޑު ކިޔާފައި ވަނިކޮށެވެ. ޕީޕީއެމް/ޕީއެންސީން އެހެން ބުނެފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އޭސީސީއޭ އެކީ ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

ދެ ކެންޑިޑޭޓަކު ވާދަކުރައްވާ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ. ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.