Last Updated: July 27, 10:50
Saturday, July 27, 2024
މުނިފޫހިފިލުވުން

"އިންޑިއަން އައިޑޮލް 14" އޮކްޓޯބަރު 7 ގައި

ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 14 އަންނަ މަހުގެ 7 ގައި ފަށާ ގޮތަށް ނިންމައިފި އެވެ.

ޝޯގެ ޕްރޮމޯ ވެސް މިހާރު ދައްކަމުން އަންނަ އިރު، އިންޑިއާގެ އެކި ސިޓީތަކުގައި ޝޯގެ އޮޑިޝަންތައް ކުރިއަށް ގެންދާނެ އެވެ. ޝޯގައި ވާދަކުރާނެ ބައިވެރިން ހޮވާނީ އޮޑިޝަންގެ އެކި މަރުހަލާތަކުގަ އެވެ.

އަބަދު ވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ "އިންޑިއަން އައިޑޮލް" ގެ މި ފަހަރުގެ ޖަޖުންގެ ތެރޭގައި މުޅިން އަލަށް މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫ ބައިވެރިވެ އެވެ. މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ ކުމާރު ސާނޫ އަކީ 90 ގެ ތެރޭގައި ހިންދީ ސިނަމާގައި އެންމެ ވިދި އެއް އަޑުގެ ވެރިޔާ އެވެ.

ދެން ޖަޖުންގެ ޕެނަލްގައި ހިމެނެނީ ކުރިން ވެސް "އިންޑިއަން އައިޑޮލް" ގެ ބައެއް ސީޒަންތަކުގައި ޖަޖެއްގެ ގޮތުގައި ފެނިފައިވާ ހުނަރުވެރި އަދި އެހާމެ ކާމިޔާބު ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް އާއި މި ފަހުން މި ޝޯގެ އެންމެ އާންމު އެއް ޖަޖް ކަމަށްވާ ވިޝާލް ދަދުލާނީ އެވެ.

މި އަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ނިންމާލި "އިންޑިއަން އައިޑޮލް 13" ކާމިޔާބުކޮށްފައި ވަނީ ރިޝީ ސިންގް އެވެ.

ސޮނީ ޓީވީ "އިންޑިއަން އައިޑޮލް" ގެނެސްދޭން ފެށީ 2004 ގަ އެވެ. މި ޝޯގައި ވާދަކޮށްގެން އެތައް ފަންނާނުންނެއް މިއުޒިކީ ކެރިއަރު ބިނާކޮށްފައިވެ އެވެ.