Last Updated: October 4, 13:32
Wednesday, October 4, 2023
ޚަބަރު

ނަޝީދުގެ ނުރުހުން: މަޖިލިސް ހުއްޓުވާފައި އޮތީ ރައީސްގެ ބައިވެރިވުމާއެކު

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްވެސް އެމްޑީޕީގެ މެންބަރުން ނުވަދެ ކުޑަދަށުގައި ތިބުމުން މަޖިލީހުގެ ކޯރަމް ހަމަނުވެ ޖަލްސާ ނުފެށި ގިނަ އިރުތަކެއް ވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ފެށުމަށް އެޖެންޑާ ކޮށްފައިއޮތީ ހެނދުނު 09:00 އަށެވެ. އެހެންނަމަވެސް ޖަލްސާ ފަށަން ބެލިއިރު ތަޅުމަށް ހާޒިރުވެ ތިއްބެވީ 17 މެންބަރުން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އިއްޔެއެކޭ އެއްގޮތަށް އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ކުޑަދަށުގައި ތިއްބެވިކަމަށެވެ.

އެމްޑީޕީގެ މެންބަރުން ޖަލްސާއަސް ނުވަނުމުން އެކަމުގެ ނުރުހުން ފާޅުކޮށް ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ހުއްޓުވާފައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންކަމަށެވެ.

"ރައްޔިތުންގެ މަޖިލިސް ސަބަޓާޖްކޮށް ހުއްޓުވާދފައި ބަހައްޓަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅިގެން މިކަމާ ބައިވެރިވަވަޑައިގަންނަވައިގެން. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރަން، ދަންނަވަން ދިވެހި ދައުލަތުގެ ބާރުތައް، މަނިކުފާނު، އަތްޕުޅު މައްޗަށް ނަންގަވައި، ދިވެހި ދައުލަތް ހުއްޓުވައިލައްވަން ތިކުރައްވާ މަސައްކަތް ހުއްޓެވުމަށް. އަދި އަޅުގަނޑުގެ މަސައްކަތް އަޅުގަނޑު ނުހުއްޓާނެކަމަށް މަނިކުފާނަށް ވަރަށް ސާފުކޮށް ދަންނަވަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އުންމީދު ކުރަނީ މިއަދު ޖަލްސާއެއް ބެއްވުމަށް ކަމަށެވެ. އަދި މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންނަށް ހެޔޮ ގޮތެއް ނޫންކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔަގެ ޖަލްސާވެސް ކޯރަމް ހަމަނުވުމުން ބޭއްވިފައެއް ނުވެއެވެ. ކޯރަމަ ހަމަކުރެވޭތޯ ރައީސް ނަޝީދު އިއްޔަވެސް 4 ގަޑިއިރު މަސައްކަތް ކުރެއްވިއެވެ. އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހާޒިރުވިނަމަވެސް ޖަލްސާއަށ ްނުވަދެ ތިއްބެވީ ކުޑަދަށުގައެވެ.