Last Updated: October 24, 18:51
Thursday, October 24, 2024
މުނިފޫހިފިލުވުން

އިންޑިއާގެ ފިލްމީ މަސައްކަތަށް ފިލްމެއް ހަދަނީ

ދުނިޔޭގައި އެންމެ ގިނަ ފިލްމު އުފައްދާ ގައުމު ކަމަށްވާ އިންޑިއާގެ ފިލްމީ މަސައްކަތް ފެށިގެން އައި ގޮތުގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައި، މިއަދު އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

"މޭޑް އިން އިންޑިއާ" ގެ ނަމުގައި ހަދަން ނިންމާފައިވާ މި ފިލްމުގެ މުގުލުގައި ހުރީ "ބާހްބަލީ" އާއި "އާރްއާރްއާރް" ފަދަ ފިލްމުތައް ހަދައިގެން ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާގެ ސިނަމާގެ ވަރުގަދަކަން ދައްކުވައިދިން ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ އެވެ.

އޭނަ ޕްރެޒެންޓްކޮށް ދޭން ހަމަޖެހިފައިވާ "މޭޑް އިން އިންޑިއާ" ބެހޭ ގޮތުން ބުނީ ފިލްމުގެ ސްކްރިޕްޓްގެ ފުރަތަމަ ނެރޭޝަން އަޑު އަހާފައި އޭނަ ވަގުތުން ޖަޒުބާތީކޮށްލި ކަމަށެވެ. އަދި ބައޮގްރަފިކަލް ޑްރާމާއެއް ހެދުމަކީ ފަސޭހަ ކަމަކަށް ނުވިޔަސް، މި ފިލްމުގެ މަސައްކަތަށް ވަރުގަދަ ޓީމެއް އޮތް ކަމަށް ކުޅަދާނަ ޑައިރެކްޓަރު ބުންޏެވެ.

"މޭޑް އިން އިންޑިއާ" އަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ނިތިން ކައްކަރް ޑައިރެކްޓްކުރާ އެއްޗެކެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ ވަރޫން ގުޕްތާ އާއި އެސްއެސް ކަރްތިކިއާ އެވެ.

ނަމަވެސް ފިލްމާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް އަދިއެއް ނެތެވެ.

އިންޑިއާ އަކީ ފިލްމީ ދުނިޔޭގައި އެންމެ މަޝްހޫރު ގައުމެވެ. އެ ގައުމަކީ ކޮންމެ އަހަރަކު ވެސް އެތައް ބަހަރުވައަކުން ފިލްމުތައް ހަދަމުން ފިލްމީ ވިޔަފާރި ވަރަށް ބޮޑު ގައުމެކެވެ. އިންޑިއާގައި ފިލްމު އުފައްދަން ފެށީ 1913 ހިސާބުގަ އެވެ. ހޮލީވުޑް ފިޔަވައި ދުނިޔޭގެ އެންމެ މަޝްހޫރު ފިލްމު އިންޑަސްޓްރީ ކަމަށް ބޮލީވުޑް ނިސްބަތް ވަނީ އިންޑިއާއަށެވެ.

ނަމަވެސް ހިންދީ ބަހުން ފިލްމު އުފައްދާ ބޮލީވުޑަށް ވުރެ މިހާރު އިންޑިއާގެ ދެކުނުގެ ފިލްމުތަކުގެ ނުފޫޒު މާ ބޮޑެވެ.