Last Updated: October 4, 15:06
Wednesday, October 4, 2023
ޚަބަރު

މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަށް ޑިމޮކްރެޓްސް

މެންބަރު އަލީ އާޒިމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ މިހާރު ދަ ޑިމޮކްރެޓްސް ކަމަށާއި މައިނޯރިޓީ ލީޑަރަކީ މެންބަރު އަލީ އާޒިމް ކަމަށް މިއަދުގެ މަޖިލިސް ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރައްވައިފިއެވެ.

ކޯރަމް ހަމަކުރެވިގެން މިއަދުގެ ޖަލްސާ ފެށުނުއިރު ރައީސް ނަޝީދު ވަނީ މަޖިލީހުގައި މިވަގުތު އަމިއްލަ ގޮތުން ތިއްބެވި 10 މެންބަރަކު ޕާޓީއަކާ ގުޅިވަޑައިގެންކަމުގެ ލިޔެކިޔުން މަޖިލީހަށް ހުށަހަޅުއްވާފައިވާތީ މަޖިލީހުގެ ޕާޓީތަކަށް އައިސްފައިވާ ބަދަލު ހާމަކުރައްވާފައެވެ.

އެގޮތުން ދަ ޑިމޮކްރެޓްސްއާ ގުޅުނު ކަމުގެ ލިޔުން މަޖިލީހަށް ހުށަހަޅުއްވާފައިވާ 10 މެންބަރުންނަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ވިލުފުށި ދާއިރާގެ މެންބަރު ހަސަން ލަތީފް، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ.

މިއާއެކު މަޖިލީހުގެ ދަފްތަރުގައި އެމްޑީޕީއަށް ނިސްބަތްވާ 56 މެންބަރުން ތިއްބެވިއިރު، ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެންބަރުން، ޕީޕީއެމް 5 މެންބަރުން، ޕީއެންސީ 3 މެންބަރުން، އެމްއެންޕީ 3، އެމްޑީޕީ 2، ޖުމްހޫރީ ޕާޓީ 2 މެންބަރުން، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ 3 މެންބަރުންނެވެ.

މި ބަދަލާއެކު މެޖޯރިޓީގައި އޮތް އެމްޑީޕީއަށްފަހު ދެން މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރަނީ ދަ ޑިމޮކްރެޓްސް ޕާޓީންނެވެ. އެހެންކަމުން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް އެ ޕާޓީވަނީ ވެފައެވެ. އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ މިހާރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކަމަށްވެސް ރިޔާސަތުން ވަނީ އިއުލާނު ކޮށްފައެވެ.