ދުނިޔޭގައި މުސްކުޅިންގެ އާބާދީ އެންމެ ބޮޑީ ޖަޕާނުގައި ކަމަށް އދ. އިން ބުނެފި އެވެ.
އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމުގެ ގޮތުގައި ފާހަގަކޮށްލެވޭ ޖަޕާންގެ އާބާދީއާ ބެހޭ އިދާރާ އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ދައްކާ ގޮތުން އެ ގައުމުގެ ކޮންމެ 10 މީހަކުން އެކަކީ 80 އަހަރު ނުވަތަ އެއަށް ވުރެ ދުވަސް މީހުންނެވެ.
މިހާރު އެ ގައުމުގެ ޖުމްލަ އާބާދީ އަށް ބަލާ އިރު، 29.1 ޕަސެންޓަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އަދި ޖަޕާންގެ އާބާދީގެ ތިންބައިކުޅަ އެއް ބަޔަކީ މިހާރު 70-74 އަހަރާ ދެމެދުގެ މީހުންނެވެ.
މި ނިސްބަތަށް ބަލާ އިރު، ޖަޕާންވެފައި ވަނީ ދުވަސްވީ މީހުންގެ އެންމެ ބޮޑު ގައުމުގެ ގޮތުގަ އެވެ. ދުވަސްވީ މީހުންގެ އާބާދީ އެންމެ ބޮޑު ތިން ގައުމަށް ބަލާ އިރު، ލިސްޓްގެ ދެވަނައިގައި 24.5 ޕަސެންޓާ އެކީ އިޓަލީ އޮތް އިރު، ތިން ވަނައިގައި 23.6 ޕަސެންޓާ އެކީ އޮތީ ފިންލޭންޑެވެ.
ޖަޕާންގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސެކުރިޓީ ރިސާޗް އިން އަންދާޒާކޮށްފައިވާ ގޮތުގައި 2040 އާ ހަމައަށް އަންނަ އިރު، ޖަޕާނުގައި 65 އަހަރުން މަތީގެ މީހުންގެ ނިސްބަތް 34.8 ޕެސަންޓަށް އަރާނެ އެވެ.
ފާއިތުވި އަހަރުތަކުގައި ޖަޕާންގައި އުފަންވާ ރޭޓް ވަރަށް ބޮޑަށް ދަށްވެފައިވާތީ އެ ގައުމަށް މީގެ ސަބަބުން އިޖުތިމާއީ އަދި އިގުތިސާދީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. އެގޮތުން ޒުވާން އާބާދީ ދަށްވުމުގެ ސަބަބުން މަސައްކަތުގެ ބާޒާރަށް ވެސް އެކަމުގެ ދަތިކަން އިންތިހާށް ކުރިމަތިވެފައިވެ އެވެ.
ޖަޕާންގެ އާބާދީ 125 މިލިއަނަށް އަރާ އިރު، އެ ގައުމަކީ މަސައްކަތްކުރާ އުމުރުން ދުވަސްވީ މީހުންގެ އާބާދީ އެންމެ ބޮޑު އެއް އިގުތިސާދެވެ. އެގޮތުން މަސައްކަތްކުރާ އުމުރުން 65 އަހަރުން މަތީގެ ނިސްބަތް 13 ޕަސެންޓަށް އަރަ އެވެ. މީގެ ސަބަބުން ސޯޝަލް ސެކިއުރިޓީ އަށް ޖަޕާނުން ހޭދަކުރަން ޖެހޭ މިންވަރު ވަރަށް މައްޗެވެ.