އަންހެނުން ކެޓްރީނާ ކައިފާ އެކީ ފިލްމެއް ކުޅެން ވަރަށް ބޭނުންވާ ކަމަށާއި އެހެންވެ ދެ މީހުންނަށް ވެސް ކަމުދާ ކަހަލަ ސްކްރިޕްޓަކަށް އިންތިޒާރު ކުރަމުން އަންނަ ކަމަށް އެކްޓަރު ވިކީ ކޯޝަލް ބުނެފި އެވެ.
އަންނަ ހުކުރު ދުވަހު ރިލީޒްކުރާ އޭނަގެ އާ ފިލްމު "ދަ ގްރޭޓް އިންޑިއަން ފެމިލީ" ގެ ޕްރޮމޯޝަންގެ ތެރެއިން ބޮލީވުޑް ލައިފަށް ދިން އިންޓަވިއެއްގައި ހުނަރުވެރި އެކްޓަރު ބުނީ އޭނަ އާއި ކެޓްރީނާ އެކީގައި ފިލްމަކުން ފެންނަން ފޭނުން ވަރަށް ބޮޑަށް ބޭނުންވާކަން އެނގޭ ކަމަށެވެ.
އެހެންވެ އެފަދަ ޕްރޮޖެކްޓަކަށް އިންތިޒާކުރަމުން އަންނަ ކަމަށް ބުންޏެވެ.
"އެކަމަކު އަދި މިހާތަނަކަށް އަހަރެމެން ދެ މީހުންނަށް ވެސް ކަމުދާ ކަހަލަ ސްކްރިޕްޓަކާ ދިމައެއް ނުވޭ. އެހެންވެ އަދި އެކީގައި ފިލްމަކުން ނުފެނިގެން އުޅެނީ."
ދެހާސް ނަވާރައިގެ ވަތަނީ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އިން އެންމެ މޮޅު ބަތަލުގެ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ވިކީ ބުނީ ދެމަފިރިން އެކީގައި ފިލްމެއް ކުޅެން ކޮންމެހެން ފިލްމެއްގެ މަސައްކަތްކުރުން މުހިއްމު ނޫން ކަމަށެވެ.
"އެކީގައި ހަމަ އެއްޗެއް ކުޅެލާ ގޮތަކަށް އަހަރެމެން ދެ މީހުން ވެސް ބޭނުމެއް ނޫން ފިލްމަކަށް ސޮއިކުރާކަށް. ބޭނުން ވަނީ އޮއްޓަރު ހުރި އަދި ދެ މީހުންނަށް ވެސް ވަރުގަދަ ކެރެކްޓާތަކެއް ލިބޭ ކަހަލަ ފިލްމެއް އެކީގައި ކުޅެން." ވިކީ ބުންޏެވެ.
ވިކީ، 35، އާއި ކެޓްރީނާ، 40، ކައިވެނިކުރީ 2021 ގަ އެވެ.
ކެޓްރީނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ނޮވެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ ސަލްމާން ޚާންގެ "ޓައިގާ 3" އެވެ. އަދި ކެޓްރީނާގެ "މެރީ ކްރިސްމަސް" ޑިސެމްބަރު 15 ގައި ރިލީޒްކުރާނެ އެވެ.
"ދަ ގްރޭޓް އިންޑިއަން ފެމިލީ" އަކީ މި އަހަރު ރިލީޒްވާ ވިކީގެ ތިން ވަނަ ފިލްމެވެ. އަދި މީގެ ބަތަލާ އަކީ 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރެވެ.
ވިކީގެ އެންމެ ފަހުގެ ފިލްމަކީ ސާރާ އަލީ ޚާނާ އެކީ ފެނިގެން ދިޔަ ޖޫންގައި ރިލީޒްކުރި "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އެވެ. އޭގެ ކުރިން ފެބްރުއަރީގައި ރިލީޒްކުރި "އޯލްމޮސްޓް ޕިޔާރު ވިތު ޑީޖޭ މުހައްބަތު" ގެ ހާއްސަ ފެނިލުމެއް ބިކީ ކުޅެފައިވެ އެވެ. މި އަހަރުގެ ޑިސެމްބަރު 1 ގައި އޭނަ ކުޅެފައިވާ ބައޮގްރަފިކަލް ޑްރާމާ "ސޭން ބަހާދޫރު" ރިލީޒްކުރަން ހަމަޖެހިފައިވާ އިރު، އެހާއްސަ ރޯލެއް ކުޅެފައިވާ ޝާހްރުކް ޚާންގެ "ޑަންކީ" ޑިސެމްބަރު 22 ގައި ސިނަމާތަކަށް ގެންނާނެ އެވެ.