Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ޔާމީންގެ މައްސަލަ ލަސްވާތީ އިދިކޮޅުން ހައިކޯޓަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލަ ލަސްވާތީ އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ހައިކޯޓަށް ގޮސްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ މައްސަލަ އޮތީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ހައިކޯޓުގައި ރައީސް ޔާމީންގެ މައްސަލައެއް އެންމެ ފަހުން ބާއްވާފައިވަނީ ސެޕްޓެމްބަރު 6 ވަނަ ދުވަހުއެވެ. މިއަދު ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ހައިކޯޓަށް ގޮސްފައިވަނީ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ހުއްޓިފައިވާތީ، އެކަން ސާފުކުރުމަށެވެ.

ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުގައި ނުނިމި ދިގުދެމިގެން ގޮސްފައިވާއިރު އެކަމުގައި އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ މައްސަލައިގެ އަޑުއެހުން ހައިކޯޓުގައި ލަހުން ހިނގާތީ އެކަމުގައި ކަމާބެހޭ އިދާރާތަކާ އިދިކޮޅުން އަންނަނީ ބައްދަލުކުރަމުންނެވެ.