Last Updated: October 24, 18:51
Thursday, October 24, 2024
ޚަބަރު

ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ކުރީ ވައްކަން: ޝިޔާމް

މެންބަރު އަހުމަދު ޝިޔާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ކުޑަ ރަށެއް ބޮޑުރަށެއް ނުބަލާ ކުރީ ވައްކަން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހަޅާ ޤަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ޤާނޫނުއަސާސީގައި ވާގޮތުން ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި އެ ބާރުތައް ދެމިއޮންނަނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ.

މިހާރު މިހިނގާ ނިޒާމަށް 16 އަހަރު ފުރިފައިވާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ މި ނިޒާމުގައި ކަންތައް މިވަނީ ރައްޔިތުން އެންމެ އުންމީދުކުރި ގޮތަށްތޯ އަހާލުމަކީ އެންމެ ރަނގަޅުގޮތްކަމަށެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލެވޭ އާބާދީގެ ފަސް ބައިކުޅަ އެއްބައި ވޯޓުނުލާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ އެއީ ކަންބޮޑުވާކަމެއް ކަމަށާއި ރައްޔިތުންގެ ވޯޓުލާން ނުނިކުންނަނީ ކޮން ނުތަނަވަސްކަމަކާ ހެދިތޯ ބަލަންޖެހޭ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ވެރިކަމުގައި ހުންނެވި ރައީސްއަކަށް 38 އިންސައްތަ ލިބުމުން އެއްފަރާތްވެލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މިދަންނަވަނީ، ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ރައްޔިތުންނަށް ހިދުމަތްކުރީކީ ނޫނޭ. އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުން ކުޑަ ރަށެއް ބޮޑުރަށެއް ނުބަލާ ކުރީ ވައްކަމޭ. ވައްކަން ކުރީމާ ދޭންޖެހޭ ސެޓްފިކެޓް ރައްޔިތުން އެއޮތީ ދީފައި." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ވެރިންގެ ކިބައިގައި ނުހުންނަނީ އިހުލާސްތެރިކަން ކަމަށާއި، ވައުދުވުމަށްފަހު ވައުދުތައް މަތިން ހަނދާން ނައްތާލާކަމަށެވެ. އަދި ކޮށްގެންތިއްބަވާ ހުވާގެ މަތިން ހަނދާންނައްތާލާނަމަ ގެންނަ ނިޒާމެއްގެ މާބޮޑު ބޭނުމެއް ނޯންނާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައްޔިތުން ރައީސް ސޯލިހަށް 38% ދިނީ އަނިޔާވެރިވުމުން ކަމަށާއި ރައްޔިތުން ބުނަމުންދަނީ ރައީސް ޔާމީން މިނިވަންކުރުމަށް ކަމަށެވެ.