Last Updated: October 24, 18:51
Thursday, October 24, 2024
ޚަބަރު

ކައުންސިލް މުވައްޒަފުންނަށް 35 ޕަސެންޓްގެ އެލަވަންސެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަށް 35 އިންސައްތަ އެލަވަންސެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ސަރުކާރުން ބުނެފައިވަނީ، ސަރުކާރުގެ ވުޒާރާތަކުގައި 35 އިންސައްތަ އެލަވަންސް ނުލިބި ތިއްބެވި ހުރިހާ މުވައްޒަފުންނަށް 1 މޭ 2023 އިން ފެށިގެން އެ އެލަވަންސް ހަމަޖެހިގެން ދިޔައިރު، މީގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުން ހިމެނިފައިނުވާތީ އެ މުވައްޒަފުންގެ ކަންބޮޑުވުން ހުރިކަމަށެވެ.

އެހެންކަމުން މިކަމުގައި ކައުންސިލްތަކުގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް، ކައުންސިލްތަކުގެ މުވައްޒަފުންނަށްވެސް 1 އޮކްޓޫބަރު 2023 އިން ފެށިގެން މި 35 އިންސައްތަ އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމަށް ރައީސް ސޯލިހް ނިންމަވާފައިވާކަމަށެވެ.

ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވީ، ރައީސް ސޯލިހް މި ނިންމެވުން ނިންމަވާފައިވަނީ ސަރުކާރުގެ ވުޒާރާތަކުގައި ތިބި މުވައްޒަފުންނަށް 35 އިންސައްތަ އެލަވަންސް ހަމަޖެހިގެންދިޔައިރު ލޯކަލް ކައުންސިލްގެ މުވައްޒަފުން ހިމެނިފައި ނުވާތީ، މިކަމުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. އަދި މި އެލަވަންސް ނުލިބުމަކީ، ލާމަރުކަޒީގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެ މުވައްޒަފުން ކުރަމުންގެންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށާއި، ކައުންސިލްތަކުގެ މުވައްޒަފުންނަށްވެސް މި އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ރައީސް ސޯލިހް ޤަބޫލުކުރައްވާ ކަމަށެވެ.

ސިވިލް ސަރވިސް މުވައްޒަފުންނަށް 35 އިންސައްތަ އެލަވަންސް ދިނުމުން، އެ މުވައްޒަފުންނާއި ކައުންސިލްތަކުގެ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިގެ ފަރަގު ބޮޑުވެފައިވާކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ މި ފަރަގު ނައްތާލުމުގެ ގޮތުން، ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށްވެސް 1 އޮކްޓޫބަރު 2023 އިން ފެށިގެން މި 35 އިންސައްތަ އެލަވަންސް ހަމަޖެއްސެވުމަށް ރައީސް ސޯލިހް ނިންމެވީކަމަށެވެ.