Last Updated: July 27, 14:13
Saturday, July 27, 2024
ޚަބަރު

ޑީއެޗްއެލްއަށް ފައިސާ ދެއްކުމުގެ ނަމުގައި ސްކޭމް މެސެޖުތަކެއް!

ޝަހީދު ހުސައިން އާދަމް ބިލްޑިންގ - ފޮޓޯ: މިހާރު

ޑީއެޗްއެލްއިން އައިސްފައިވާ ޕެކޭޖެއްގެ ކަސްޓަމްސް ކްލިއަރެންސް ހެދުމަށް ފައިސާ ދެއްކުމުގެ ނަމުގައި، މެސެޖްތަކެއް ފޮނު ވަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ ޓީއެމްއޭގެ ނަމުގައި ފޮނުވަމުންދާ މެސެޖުގައި އޮންނަނީ ޑީއެޗްއެލް މެދުވެރިކޮށް އައިސްފައިވާ ޕެކޭޖެއްގެ ކަސްޓަމްސް ކްލިއަރެންސް ހެދުމަށް ފައިސާ ދެއްކުމަށް ކަމަށެވެ. އަދި މެސެޖުގައިވާ ލިންކަށް ވަނުމުން، ކޭޝް ކާޑުގެ މައުލޫމާތު ޖެހުމަށް ބުނާ ކަމަށެވެ. ނަމަވެސް މިއީ ސްކޭމެއް ކަމަށާއި، މިފަދަ މެސެޖެއް ލިބުނަސް ލިންކަށް ނުވަނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.


އެފަދަ ލިންކެއްގައި ކޭޝް ކާޑު މައުލޫމާތު ހިއްސާ ކުރެއްވިއްޖެ ނަމަ، އެކައުންޓުގައި ހުރި ފައިސާއިން ވެރިފަރާތައް ނޭނގި ބޮޑެތި އަދަދުތަކުން ކުޑަ ހިނދުކޮޅެއްގެ ތެރޭ ވިޔަފާރި ކޮށްލައެވެ. ގިނަ ފަހަރު ކާޑު ބްލޮކް ކުރެވޭއިރު ފައިސާ އަނބުރާ ނުލިބި އެއްކޮށް ގެއްލެއެވެ. ފުލުހުން ވަނީ އެއްވެސް ފަރާތަކަށް ކާޑުގެ މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

މިފަހަކަށް އައިސް އެކި އިދާރާތަކުގެ ނަމުގައި ކުރަމުންދާ ސްކޭމް މެސެޖުތައް ވަނީ ގިނަވެފައެވެ. އެހެން ކަމުން ގޮތް ނޭނގޭ އެއްވެސް ލިންކަކަށް ނުފިތުމަށް ފުލުހުން އަދި ކަމާއިބެހޭ އިދާރާތަކުން ލަފާދެއެވެ.