Last Updated: October 1, 12:15
Sunday, October 1, 2023
ޚަބަރު

ވައްކަމާއި ނާގާބިލުކަމަށް ފާރަވެރިވެވޭނީ ބަރުލަމާނީން

މެންބަރު އީވާ އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބަރުލަމާނީ ނިޒާމަކީ ވައްކަމާއި ނާގާބިލުކަމަށް ތާއަބަދުމެ ފާރަވެރިވެވޭނެ ނިޒާމު ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހަޅާ ޤަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ފަސް އަހަރުގެ ދައުރުގައި ފެނުނީ އިސްރާފާއި ކިބުރުވެރިކަމާ ވައްކަމާ ފިތުނަޔާ ނާގާބިލުކަންކަމަށެވެ.

"މި ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް މިފެނުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިހުލާސްތެރިކަން އެ މާރުކުރީ ސަނާކިޔުމަށް، ތެދުވެރިކަން އެ މާރުކޮށްލީ އާނބަހަށް، އެކުވެރިކަން މާރުކޮށްލީ ބާރަށް" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އެކަމުގެ ނަތީޖާއަކީ 5 އަހަރުގެ ވެރިކަމެއް ނިމުނުއިރު ތާއީދަށް 38 އިނަސައްތަ ލިބުން ކަމަށެވެ. ކެމްޕޭންގެ ފަހު ތިން މަސް ދުވަސް ފެނުނީ އެންމެ މީހަކު ބާރުގައި ހުރުމަށް ދައުލަތެއް އެއްކޮށް ލޫޓުކޮށްލިތަންކަމަށް އީވާ ވިދާޅުވިއެވެ.

"ތާއީދެއް ނެތް، ނާގާބިލު ވެރިއަކު، ވެރިކަމުގައި ހުރުމަށްޓަކާ ސިޔާސީ ޕާޓީއަކާ ސަރުކާރު ހިންގާ ސިޔާސީ ޕާޓީވެގެން މުޅި ދައުލަތެއް ލޫޓުކޮށްލާ ހިސޯރުކޮށްގެން އުޅޭތަން، އިއްޒަތްތެރި ރައީސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ." އީވާ ވިދާޅުވިއެވެ.

ފެށުނީއްސުރެވެސް ތާއީދުކުރައްވަނީ ބަރުލަމާނީ ނިޒާމަކަށްކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ފާރަވެރިވެ މޮނިޓަރ ކުރެވޭނެ ނިޒާމެއް ކަމަށެވެ. ޤައުމެއްގެ ތަނަވަސްކަން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ވައްކަމާއި ނާޤާބިލުކަން ކަމަށް އީވާ ވިދާޅުވިއެވެ.

"ބަރުލަމާނީ ނިޒާމަކީ އެ ވައްކަމަށާއި ނާގާބިލުކަމަށް ތާއަބަދުމެ ލައިވްކޮށް ފާރަވެރިވެވޭ ނިޒާމުކަމަށްވާތީވެ، އަދި އެ ވައްކަމާއި ނާގާބިލުކަމުން ވެރިން ދުރުކުރަން އެންމެ ފަސޭހަ ނިޒާމުކަމަށްވާތީވެ." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ތަހުޒީބީ މުއްސަނދި ގައުމަކަށް ރާއްޖެ ހެދުމަށް މިވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ ރިޔާސީ ނިޒާމުކަމަށެވެ.