Last Updated: October 1, 12:15
Sunday, October 1, 2023
ޚަބަރު

ނިޒާމީ ވޯޓެއް ނަގަން 30-45 ދުވަސް ބޭނުން ވާނެ

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް / ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ދައުލަތް ހިންގުމުގެ ނިޒާމުގެ ބަދަލު ކުރުމާއި ގުޅޭ ވޯޓެއް ނަގަންޏާ މަދުވެގެން 30 ދުވަހާއި 45 ދުވަސް ބޭނުންވާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ނައީބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

މިވަގުތު ނިޒާމު ބަދަލު ކުރުމާއި ގުޅޭ ބަހުސް މަޖިލީހުގައި ކުރިއަށްދާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިންވެސް މިކަން ކުރުމަށް ވަގުތު ބޭނުންވާނެ ކަމަށް ބުނެފައެވެ. އެގޮތުން މިއަދު ހަބީބް ވިދާޅުވީ، މިފަދަ ވޯޓެއް ނަގަންޏާ އިންތިހާބުތަކާއި ބެހޭ އާންމު ޤާނޫނަށް ރިޢާޔަތް ކުރާއިރު މަދުވެގެން 30 ދުވަހާއި 45 ދުވަސް އިންތިހާބެއް ބޭއްވުމަށް ބޭނުންވާނެ ކަމަށެވެ.

"މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން. ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ، އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާއެއް. " ހަބީބް ވިދާޅުވިއެވެ.

މީގެ އިތުުރުން މިފަދަ ވޯޓެއް ނެގުމަށް، ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ރައީސް ނަޝީދު އިސްވެ އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސްއިން ދަނީ ނިޒާމާއި ބެހޭ ވޯޓެއް އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ނެގުމަށް ވަކާލާތު ކުރަމުންނެވެ. އަދި މައި ދެ ޕާޓީއަށް ވަނީ މިކަން ކޯލިޝަން ހެދުމުގެ ކުރިން ޝަރުތެއްގެ ގޮތުގައި ފޮނުވާފައެވެ. މީގެ އިތުރުން އެ ޕާޓީގެ ރިޔާސީ ކެނޑީޑޭޓުކަން ކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ނިޒާމާއި ބެހޭ ވޯޓެއް ނެގުމަށް ޤަރާރެއް މަޖިލީހަށް ހުށަހަޅާފައެވެ.

މި ޤަރާރުގައި ވާ ގޮތުން، އަންނަ އޮކްޓޯބަރ މަހުގެ 30 ގެ ކުރިން ނިޒާމާއި ބެހޭ ވޯޓެއް ނެގުމަށް ހުޅުވާލަން ޖެހެއެވެ. މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ޤަރާރުގެ މަސައްކަތް ނިންމާލުމަށް ފަހު ނޫނީ ޖަލްސާ ނުނިންމާ ކުރިއަށް ގެންދިއުމުގެ ވިސްނުން ހުރި ކަމަށް ވިދާޅުވެފައެވެ.