Last Updated: October 24, 18:51
Thursday, October 24, 2024
ޚަބަރު

ނިޒާމީ ވޯޓާ ގުޅޭ ގަރާރު މަޖިލީހަށް ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހަޅާ ޤަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

މި ގަރާރު މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ ވޯޓުންނެވެ. މި ގަރާރު މަޖިލީހަށް ބަލައިގަތުމުން ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ. އެގޮތަށް ފޮނުވަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 34 މެންބަރުންގެ ވޯޓުންނެވެ.

މި ގަރާރު މަޖިލީހަށް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައިވާއިރު މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް މާދަމާ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ. މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް މާދަމާ ކުރުމަށް ނިންމެވީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ވާހަކަދައްކަވާ މަޝްވަރާކުރުމަށް އެދިވަޑައިގަންނަވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިލްޔާސްގެ ގަރާރުގައި ބުނެފައިވަނީ، 2008 ވަނަ އަހަރު ތަސްދީޤުކުރެވުނު ޤާނޫނުއަސާސީއަށް 15 އަހަރު ވެފައިވާއިރު، އެ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ބޭއްވި ކޮންމެ ރިޔާސީ އިންތިހާބަކަށް ބެލިކަމުގައި ވީނަމަވެސް، އެއީ ކޮންމެ ރިޔާސީ އިންތިހާބެއްވެސް ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ވޯޓުލުމުގެ ބަދަލުގައި ރައްޔިތުން ވޯޓު ދޭންޖެހިފައިވަނީ އެއިރެއްގެ ސަރުކާރުގައި ހުންނަ ވެރިމީހާ ކަމުނުގޮސްގެން އޭނާ ވެރިކަމުން ބާލައި ވެރިކަން ބަދަލުކުރުމަށް ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަމަށް މީހަކު އިންތިހާބުވާނީ ވޯޓުދިން މީހުންގެ ފަންސާސް އިންސައްތައަށްވުރެއް ގިނަ ވޯޓު އެމީހަަކަށް ލިބިގެންކަމަށްވާއިރު، މިހާތަނަށް ރިޔާސީ އިންތިހާބަކަށް ކުރިމަތިލި އެއްވެސް ކެންޑިޑޭޓަކަށް ކޯލިޝަން ހެދުމަކާ ނުލައި އިންތިހާބުގެ ފުރަތަމަ ބުރުން ފަންސާސް އިންސައްތައަށްވުރެއް ގިނަ ވޯޓު ކާމިޔާބު ކުރެވިފައި ނުވާކަމަށެވެ.

އިލްޔާސް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ 30 އޮކްޓޫބަރު 2023 ގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް އެ މައްސަލަ ހުށަހެޅުމަށެވެ.