Last Updated: October 24, 18:51
Thursday, October 24, 2024
ޚަބަރު

ނިޒާމީ ވޯޓަކަށް ދާން ތާއީދު: ޕީޕީއެމް

ވެރިކަމުގެ ނިޒާމު ކަނޑައަޅަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ތާއީދު ކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ނިޒާމީ ވޯޓަކަށް ދާން އެންމެ ބޮޑަށް ބާރު އަޅަމުންދަނީ ދަ ޑިމޮކްރެޓްސް އިންނެވެ. އެ ޕާޓީން އަންނަނީ މި މަހުގެ 28 ގައި ނިޒާމީ ވޯޓު ނެގުމަށް ގޮވާލަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވީ ވެރިކަމުގެ ނިޒާމު 2007 ވަނަ އަހަރު ބަދަލުކޮށްފައި އޮތީ ރައްޔިތުން ބޭނުންވި ގޮތަށް ކަމަށާއި ދެން ވެސް ރާއްޖޭގައި ފެންނަން އޮންނަ ވެރިކަމުގެ ނިޒާމެއް ކަނޑައަޅާނީ ރައްޔިތުން ކަމަށްވާއިރު ނިޒާމީ ވޯޓަކަށް ދާން މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް އެފަދަ ވޯޓަކަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ފުރުސަތެއް ނެތް ކަމަށް ތޮލާލް ވިދާޅުވި އެވެ.

"އިންތިހާބުގެ ފަހުން ވިޔަސް ނިޒާމީ ވޯޓަކަށް ދާން، ރައްޔިތުން ކައިރިން އަހަން އަޅުގަނޑުމެން ތާއީދޭ،" ތޮލާލް ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ތޮލާލް ވަނީ މި ވަގުތު ރާއްޖޭގެ ސިޔާސީ މާހައުލު އޮތް ގޮތުން ރާއްޖެއަށް އެ ނިޒާމު އެކަށީގެންނުވާ ކަމަށް ޔާމީން ފާހަގަކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"އެކަން ކުރެވޭނީ ވަރަށް ހަރުދަނާ ގާނޫނުތަކެއް މި ތަނަށް ގެނެސްގެން، އެ ގާނޫނުތައް ހަރުދަނާ ކަމާ އެކު އިމްޕްލިމެންޓުކުރެވޭ ކަމަށްވާނަމަ ބަރުލަމާނީއަށް ދިއުމަކުން މައްސަލައެއް ނެތޭ. އެކަމު އެ މާހައުލެއް މި ތަނަކު އަދިއެއް ނެތޭ. އެއީ ރައީސް ޔާމީން ވިދާޅުވެފައި އޮންނަ އެއްޗަކީ،" ތޮލާލް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއް ވެސް ހުށަހަޅާފަ އެވެ. އެ ގަރާރު މިއަދު މަޖިލީހަށް ބަލައިގެންފައިވާއިރު އެ ގަރާރުގެ މަސައްކަތް މަޖިލީހުގެ މުޅި ކޮމިޓީން މާދަމާ ފެށުމަށް ވަނީ ނިންމައިފަ އެވެ.