މިހާރު ފިލްމުތަކަށް އެއްބަސްވާ އިރު، ވަކި ޖޯންރާއެއްގެ އެއްޗަކަށްވުން މުހިއްމު ނޫން ކަމަށް ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.
ބުރާސްފަތި ދުވަހު ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ އޭނަގެ މިސްޓްރީ ތުރިލާ "ޖާނޭ ޖާ" ގެ ޕްރޮމޯޝަންގެ ތެރެއިން ޕިންކްވިލާ އަށް ފިލްމުގެ ޓީމާ އެކީ ދިން އިންޓަވިއުއްގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ 42 އަހަރުގެ ބަތަލާ ބުނީ މިހާރު އެންމެ މުހިއްމު ކަމަކަށް ބަލަނީ މޮޅު ސްކްރިޕްޓްތައް ހޮވަން ކަމަށެވެ.
"އަހަންނަށް މިހާރު އެންމެ މުހިއްމީ ސްކްރިޕްޓެއްގެ ކޮލިޓީ. އެ ކިޔާލީމަ ވާން ޖެހޭނެ އެއަށް ވަގުތުން އާނއެކޭ ބުނަވޭވަރުގެ އެއްޗަކަށް ނުވަތަ އޭގައި އިންނަ ކެރެކްޓާ ކުޅެން ކެތްމަދުވާ ކަހަލަ ރޯލަކަށް،" ބަތަލާ ކަރިޝްމާ ކަޕޫރްގެ ކޮއްކޮ ބުންޏެވެ. "އެހެންވީމަ އަހަންނަށް އަސްލު މިހާރު މުހިއްމެއް ނޫން ވަކި ޖޯންރާގެ ފިލްމަކަށްވާކަށް. ބޭނުން ވަނީ މޮޅެތި ސްކްރިޕްޓްތައް ހޮވައިގެން ކުރިއަށް ދާން."
އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން ބުނީ ދެން އެންމެ ބޮޑު އިސްކަމެއް ދޭނީ ކުރިން ތަޖުރިބާކޮށްފައި ނުވާ ކަހަލަ ކެރެކްޓާތައް ކުޅެން ކަމަށެވެ. އެގޮތުން "ޖާނެ ޖާ" ގައި ކުޅެފައިވާ މާޔާ ޑި ސޫޒާގެ ރޯލަކީ މީގެ ކުރިން ކުޅެފައި ނުވާ ކަހަލަ ވަރަށް ތަފާތު ރޯލެއް ކަމަށް ބުންޏެވެ.
"ވަރަށް އުންމީދު ވެސް ކުރަން މީތި ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް." ކަރީނާ ބުންޏެވެ.
އޭނަ ބުނި ގޮތުގައި ކުރިއަށް އަނެއް ދެ ފިލްމާ މެދު ކުރެވޭ އުންމީދުތައް ވެސް ބޮޑެވެ. އެ ދެ ފިލްމަކީ ޑައިރެކްޓަރު ހެންސަލްގެ މެހެތާގެ "ބަކިންހަމް މާޑާސް" އާއި ޑައިރެކްޓަރު ރާޖޭޝް ކްރިޝްނަންގެ "ދަ ކްރޫ" އެވެ. މި ދެ ފިލްމަށް ބަލާ އިރު، ހެންސަލްގެ ފިލްމުގައި ވެސް ކަރީނާ ކުޅެފައި ވަނީ ވަރަށް ސީރިއަސް ރޯލެކެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ އާމިރު ޚާންގެ މިދިޔަ އަހަރުގެ "ލާލް ސިންގް ޗައްޑާ" އެވެ.