Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ނަޝީދު ހެއްދެވީ ދޮގު، މަޖިލީހެއް ނުހުއްޓުވަން

ރައްޔިތުންގެ މަޖިލިސް ހުއްޓުވުމުގައި އެމަނިކުފާނުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިއިރު ކޯރަމް ހަމަވެފައި ނުވާތީ ނަޝީދު ވަނީ މަޖިލިސް ހުއްޓުވާފައި އޮތީ ރައީސް ސޯލިހު ބައިވެރިވެވަޑައިގެން ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސްކުރަން، ދަންނަވަން ދިވެހި ދައުލަތުގެ ބާރުތައް، މަނިކުފާނު، އަތްޕުޅު މައްޗަށް ނަންގަވައި، ދިވެހި ދައުލަތް ހުއްޓުވައިލައްވަން ތިކުރައްވާ މަސައްކަތް ހުއްޓެވުމަށް. އަދި އަޅުގަނޑުގެ މަސައްކަތް އަޅުގަނޑު ނުހުއްޓާނެކަމަށް މަނިކުފާނަށް ވަރަށް ސާފުކޮށް ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.

ހެންވޭރުގެ ގެތަކަށް ދޮރުންދޮރަށް ހިންގަވަން ފެއްޓެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނަޝީދު ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށާއި މަޖިލީހުގައި 25 އަހަރު އުޅެފައި ހުރުމުން އެތަނުގައި ކަންކަން ހިނގާ ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލިސް ހުއްޓުވާފައި ބޭއްވުމުގައި އެމަނިކުފާނުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ދުވަސްތަކަކަށް ފަހު މަޖިލީހުގެ ޖަލްސާތައް އަލުން ފަށާފައިވާއިރު މިއަދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅާފައިވާ ގަރާރު މަޖިލީހަށް ބަލައިގެންފަ އެވެ. މި ގަރާރުގެ މަސައްކަތް މަޖިލީހުގެ މުޅި ކޮމިޓީން މާދަމާ ފެށުމަށް ވަނީ ނިންމައިފަ އެވެ.

ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އިން އަންނަނީ މި މަހުގެ 28 ގައި ނިޒާމީ ވޯޓު ނެގުމަށް ބާރު އަޅަމުންނެވެ. ނަމަވެސް އެމްޑީޕީ އަދި ޕީޕީއެމުން ވެސް ވަނީ އެ ވޯޓުން ނެގުން ރަނގަޅީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު ކަމަށް ބުނެފަ އެވެ.