ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވެވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ބަލިވެވަޑައިގަންނަވާނެކަން އެނގިވަޑައިގަންނަވާތީ ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިޒާމީ ވޯޓަކަށް ދާން ރައީސް އެއްބަސްވެވަޑައިގެންނެވީ ދެވަނަ ބުރުން ބަލިވާނެކަން އެނގިވަޑައިގަންނަވާތީ ކަމަށާއި މިއީ ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގެ ބޭނުން ރައްޔިތުން ފުރިހަމަ އަށް ހިފުމަށް ސަމާލުވާންޖެހޭ ވަގުތު ކަމަށެވެ. އަދި ވޯޓުލުމުގެ ޒިންމާ ފުރިހަމަ އަށް އަދާކުރަން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އިން އަންނަނީ މި މަހުގެ 28 ގައި ނިޒާމީ ވޯޓު ނެގުމަށް ބާރު އަޅަމުންނެވެ. ނަމަވެސް އެމްޑީޕީ އަދި ޕީޕީއެމުން ވެސް ވަނީ އެ ވޯޓުން ނެގުން ރަނގަޅީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު ކަމަށް ބުނެފަ އެވެ.
ހެންވޭރުގެ ގެތަކަށް ދޮރުންދޮރަށް ހިންގަވަން ފެއްޓެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިގެ ތާއީދާ އެކު ވެރިކަމުގެ ނިޒާމް ބަދަލުކުރަން ފާސްކޮށްފިނަމަ އޮކްޓޫބަރުގައި ނިޒާމީ ވޯޓު ނަގަން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިލެކްޝަން ކޮމިޝަންގައި އެދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ދުވަސްތަކަކަށް ފަހު މަޖިލީހުގެ ޖަލްސާތައް އަލުން ފަށާފައިވާއިރު މިއަދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅާފައިވާ ގަރާރު މަޖިލީހަށް ބަލައިގެންފަ އެވެ. މި ގަރާރުގެ މަސައްކަތް މަޖިލީހުގެ މުޅި ކޮމިޓީން މާދަމާ ފެށުމަށް ވަނީ ނިންމައިފަ އެވެ.