Last Updated: October 24, 18:51
Thursday, October 24, 2024
ޚަބަރު

އޭއީއެޗްގައި މަރުވި މީހާގެ މައްސަލަ ހެލްތުން ބަލަނީ

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދު މަތިން ފެންނަ ގޮތް. ފޮޓޯ/ އާތިފް (ހަމިއްޓޭޒް)

ހޯމަ ދުވަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މަރުވި ޒުވާނާގެ މައްސަލަ ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން އިސްނަގައިގެން ބަލަމުންދާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.

އައްޑޫ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 26އ. ފިރިހެނެއް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީކޮށް ވަނީ މަރުވެފައެވެ. މި މަރާއި ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ފުރަތަމަ ދައުރުވިއެވެ. ނަމަވެސް ޢާއިލާގެ ފަރާތެއް ވަނީ ކަންހިނގިގޮތް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. އަދި އޭނާގެ ކޮށްކޮށްގެ މަރަކީ ހޮސްޕިޓަލުގެ އިހުމާލުގެ ސަބަބުން ދިމާވި ކަމެއްގެ ގޮތުގައި ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ހެލްތު މިނިސްޓްރީއާއި އައްޑޫލައިވް އިން ވަނީ ސުވާލުކޮށްފައެވެ. މިނިސްޓްރީގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރ އާމިނަތު ޝަތުފާ ވިދާޅުވީ އޭއީއެޗް އަކީ ސީދާ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ހޮސްޕިޓަލެއް ނޫން ކަމަށެވެ. ނަމަވެސް ސިއްޙީ ދައިރާގެ އިހުމާލުގެ މައްސަލަތައް މިނިސްޓްރީން ބަލާ ކަމަށާއި، މިމައްސަލަވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިމައްސަލައިގައިވެސް ކަން ހިންގާފައިވާ ގޮތް ބަލައި، ހޮސްޕިޓަލުގެ އިހުމާލެއް އޮތްތޯ މިިނިސްޓްރީން ޔަޤީން ކުރާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ މިމައްސަލަ އައިލާގެ ފަރާތުން މިހާތަނަށް މިނިސްޓްރީއަށް ހުށަހަޅާފައި ނުވާކަން ޔަޤީން ކޮށްދީފައެވެ. އަދި މިފަދަ މައްސަލަތައް އަބަދުވެސް މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު އޮންނަކަން ވަނީ ފާހަގަކޮށްފައެވެ.

މިމައްސަލަ ސޯޝަލް މީޑިއާގައި އާންމުގެ ސަމާލުކަމަށް ގެނެސްފައިވަނީ މަރުވި ފަރާތުގެ ދައްތަ އެކެވެ. އޭނާ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، އޭނާ ކޮށްކޮ ފުރަތަމަ ސިއްޙީ މަރުކަޒަށް ގެންދިޔައީ ނެވާލާން އުނދަގޫ ވެގެން ކަމަށެވެ. އަދި ސިއްޙީ މަރުކަޒުގައި އޮކްސިޖަން ހިފަހައްޓާ ނުވެލޭތީ ވަގުތުން އޭއީއެޗްއަށް ބަދަލު ކުރެވުނު ކަމަށް ބުނިއެވެ. ހޮސްޕިޓަލަށް ގެނެސް ނެގި އެކްސްރޭއިން ފުއްޕާމެއިގެ އެއްފަޅިއަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާކަން ފާހަގަވި ކަމަށް ވަނީ ބުނެފައެވެ.

އެހައި ހިސާބުން ވަގުތުން އޭއީއެޗް އީއާރުން އައިސީޔޫ އަށް ބަދަލު ކުރުމަށް ނިންމި ކަމަށާއި، ނަމަވެސް އީއާރުން އައިސީޔޫއާއި ހަމައަށް ގެންދިޔައީ އެއެވެސް ވަރަކަށް އޮކްސިޖަން ނުދީ ކަމަށް ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓުގައި ވެއެވެ. އަދި އޭރު ވާނެ އެއްޗެއް ވެފައިވާ ކަމާށާއި، އަދި އޭގެ މަދު ގަޑިއިރު ފަހުން މަރުވި ޙަބަރު ހޮސްޕިޓަލުން އާއިލާއާއި ހިއްސާ ކުރި ކަމަށެވެ. އޭނާ ވަނީ ނެވާ ނުލެވިގެން އުޅޭ މީހަކަށް އޮކްސިޖަން ނުގުޅާ ގެންދިއުމުން އެކަމުގައި ސުވާލު އުފައްދާފައެވެ. އަދި މިއީ ހޮސްޕިޓަލުގެ އިހުމާލުންވި ކަމެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ.

މިމައްސަލައިގައި 'އައްޑޫލައިވް' އިން އޭއީއެޗްގެ ބަހެއް ލިބޭތޯ ކުރި މަސައްކަތް ވަނީ ނާކަމިޔާބު ވެފައެވެ. ނަމަވެސް އޭއީއެޗްއިން ވަނީ އޮކްސިޖެން ނެތުމުގެ ސަބަބުން އެ ހޮސްޕިޓަލުގައި މީހަކު މަރު ނުވާކަން އީއްޔެ އައްޑޫލައިވް އަށް ޔަޤީންކޮށްދީފައެވެ. އަދި ހޮސްޕިޓަލުގައި ޕޯޓަބަލް އޮކްސިޖަންވެސް ހުރިކަން ވަނީ ޔަޤީން ކޮށްދީފައެވެ.