Last Updated: October 4, 13:32
Wednesday, October 4, 2023
ޚަބަރު

މާލޭގައި އުޅޭތާ 20 އަހަރުވީ މީހުންނަށް ފްލެޓާއި ގޯތި

މާލޭ ސިޓީގައި އުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންނަށް ފްލެޓާއި ގޯތި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިރޭ ގަލޮޅު ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލޭގައި 20 އަހަރާއި 30 އަހަރު ވަންދެން އުޅެފައި ތިބި މީހުން ވެސް އެބަތިބި ކަމަށާއި މިގޮތަށް ތިބި މީހުންނަށް އެމީހުންގެ އަމިއްލަ ރަށުން ގޯތި ލިބުން މިހާރު ދަތި ކަމަށެވެ. މިކަން ހައްލުކުރަން އާ ހައުސިން ސްކީމެއް ފަށާނެ ކަމަށާއި އެ ސްކީމްގެ ދަށުން މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅޭކަން ކަށަވަރު ކުރެވޭ ހުރިހާ އެންމެންނަށް ފްލެޓާއި ގޯތި ދޫކުރާނެ ކަމަށެވެ.

"އެކަމުގެ ސިޔާސަތުތައް އަޅުގަނޑުމެން މިދިޔަ ދެތިން ދުވަހުގެ ތެރޭގައި އެވަނީ ކަނޑައަޅާފައި. ދެން އޮތީ ފައިނަލްކޮށް އެކަން އިއުލާން ކުރުން،" ރައީސް ވިދާޅުވި އެވެ.

މާލޭގެ ރަށްވެހިންނާއި މާލެ އަށް ހިޖުރަކޮށްގެން ތިބި މީހުންގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް މި ސަރުކާރުން ގެނެސްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ ވިނަރެސް ފްލެޓް ލިބުނު ފަރާތްތަކުން ޑައުންޕޭމަންޓް އަދި ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ބޮޑުވުމުގެ ޝަކުވާ ކުރަމުންދާ ކަމަށާއި އެގޮތުން ޑައުންޕޭމަންޑް ކުޑަކޮށް ކުއްޔަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

މާލޭގައި އުޅޭތާ ގިނަ ދުވަސްވީ މީހުންނަށް ފްލެޓާއި ގޯތި ދޭން ނިންމިއިރު މި ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ގުޅިފަޅުން ގޯތިތައް ލިބުނު މީހުންނަށް ގޯތި ހަވާލުކުރަން މި މަހުގެ ކުރީކޮޅު ވަނީ ފަށައިފަ އެވެ.

"ބިންވެެރިޔާ" ސްކީމުގައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ޝަރުތު ހަމަވާ 18،955 މީހަކު ހިމެނެ އެވެ. އަދި އެ އެންމެނަށް ގޯތި ލިބޭނޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ގޯތި ދޭން ނިންމާފައި ވަނީ ހުޅުމާލެ އާއި ގިރާވަރުފަޅު އަދި ގުޅީފަޅުންނެވެ. މި ތަންތަނުން ދޫކުރާ ގޯތިތަކަށް ބަލާ އިރު، އެންމެ ބޮޑު ގޯއްޗެއްގެ ސައިޒަކީ 4،000 އަކަފޫޓެވެ. އަދި އެންމެ ކުޑަ ގޯއްޗެއްގައި 1،250 އަކަފޫޓު ހުންނާނެ އެވެ.

"ބިންވެރިޔާ" ގެ ދަށުން ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،218 ގޯތި އަދި ގިރާވަރުވަރު ފަޅުން 5،432 ގޯތި ދޭން ވަނީ ނިންމައިފަ އެވެ.