Last Updated: October 4, 15:06
Wednesday, October 4, 2023
ޚަބަރު

ސްޓޫޑެންޓް ލޯނު މައާފުކުރެވޭނެ ގޮތެއް ހަދަނީ

ވަކި އުސޫލެއްގެ ތެރެއިން ސްޓޫޑެންޓް ލޯނު މައާފުކުރެވޭނެ ގޮތްތަކެއް ހަދަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިރޭ ގަލޮޅު ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި މާލޭގެ ގެތަކަށް ކުރާ ޒިޔާރަތުގައި މާކުރިން ނަގާފައި ހުރި ސްޓޫޑެންޓް ލޯނުތަކެއް ދެއްކުމުގައި ހުރި ދަތިތަކުގެ ވާހަކަތައް ބައެއް ދަރިވަރުން ހިއްސާކުރި ކަމަށެވެ. އެގޮތުން ސްޓޫޑެންޓް ލޯނު ދެތިން ހަތަރު ފަހަރަކު ނުދެއްކުމުގެ ސަބަބުން ކޯޓާއި ހިސާބަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ވެސް ހިއްސާކުރި ކަމަށާއި ނަމަވެސް އެކަމާ ކަންބޮޑުނުވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

"ދަންނަވަންތޯ އެކަމާ ކަންބޮޑުވެ ވަޑައިނުގަންނަވަން އަޅުގަނޑު ދަންނަވަން. އަޅުގަނޑުމެން މިދަނީ ސްޓޫޑެންޓް ލޯނު ވަކި އުސޫލެއްގެ މަތިން މައާފުކުރެވޭނެ ގޮތްތަކެއް ހަދަމުން،" ރައީސް ވިދާޅުވި އެވެ.

"އެހެން ތިބި ހުރިހާ ކުދިންނަށް އަޅުގަނޑުމެން އިރާދަކުރެވިއްޔާ އެ ލުދި ދޭނަން"

ރައީސް މިހެން ވިދާޅުވި އިރު އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ މަތީ ތައުލީމާއި ތަމްރީނަށް ދޫކުރާ ލޯނު އެހީގެ އުސޫލު މުރާޖައާކޮށް ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން ލޯނު ދައްކަން އޮންނަ މިންވަރެއް މައާފު ކުރާނެ ކަމަށް ބުނެފަ އެވެ. އަދި ލޯނު އަނބުރާ ދައްކަން ލިބޭ ގްރޭސް ޕީރިއަޑް އިތުރު ކުރަން ވެސް މެނިފެސްޓޯގައި ވަނީ ހިމަނައިފަ އެވެ.

ސްޓޫޑަންޓް ލޯނުތަކުން 187 މިލިއަން ރުފިޔާ ދައުލަތަށް ނުލިބި އެބަހުރި ކަމަށް އޮޑިޓް އޮފީހުން ދާދި ފަހުން ވަނީ ބުނެފަ އެވެ.