Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

ދެވަނަ ބުރަށް ނިކުތީ މާ ގަދަކޮށް: ރައީސް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީން މި ނިކުތީ މާ ގަދަކޮށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިރޭ ގަލޮޅު ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންތިހާބަށް ނިކުތީ އެއްބުރުން ކާމިޔާބު ކުރުމުގެ އަމާޒުގައި ކަމަށާއި ނަމަވެސް އިންތިހާބު ދެވަނަ ބުރަކަށް ގެންދަން ބަޔަކު މަސައްކަތް ކުރާ ވާހަކަ ކުރިން ވެސް ދެންނެވި ކަމަށެވެ. އެގޮތުން ފުރަތަމަ ބުރުގެ ނަތީޖާ އަށް ބަލާލުމުން އެކަން ވަރަށް ސާފު ކަމަށާއި 30،000 އަށް ވުރެ ގިނަ ވޯޓު އެހެން ކެންޑިޑޭޓުން ނަގާފައިވާއިރު ދެވަނަ ބުރަކަށް އަންނަން ޖެހުނީ އެ ސަބަބާއި ހުރެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ އާއި ކޯލިޝަން ޕާޓީތައް ތިބީ ދެވަނަ ބުރަކަށް ވެސް ތައްޔާރުވެގެން ކަމަށާއި ދެވަނަ ބުރަކަށް ދިޔުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި މި ކުޅެވުނީ އެއް ހާފު ކަމަށާއި މިވަގުތު 3-1 އިން ބަލިވެފައި އޮތް ނަމަވެސް ދެވަނަ ބުރަށް ނިކުންނަނީ ޓީމު އަލުން ރާވާލައިގެން ކަމަށާއި ދެވަނަ ބުރަށް ނިކުންނަނީ މާ ގަދަކޮށް ކަމަށް ރައީސް ވިދާޅުވި އެވެ.

"މާ ގަދަކޮށް މި ނިކުންނަނީ. މި އިންތިހާބު އަޅުގަނޑުމެން ދެވަނަ ބުރުގައި ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް ރައްޔިތުންނާއެކު އުފާވެރި އަމާންރާއްޖެ އަކަށް ކުރާ ދަތުރު ކާމިޔާބު ވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.

އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ.