Last Updated: May 9, 20:53
Friday, May 9, 2025
ޚަބަރު

ސިފައިންގެ ފްލެޓްތައް ހަވާލުކުރަން ފަށައިފި

ސިފައިންނާއި އެ މީހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދޭން ހުޅުމާލޭގައި ހަދާފައިވާ "ސިފްކޯ ހިޔާ" ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރަން ފަށައިފި އެވެ.

ސިފްކޯ ފްލެޓްތައް ލިބުނު ފަރާތްތަކަށް ތަޅުގަނޑިތައް ޙަވާލުކޮށްދެއްވަން ފެއްޓެވީ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

ސިފްކޯ އިން ފްލެޓް ލިބުނު އާއިލާތަކަށް، ލިބޭ ފްލެޓް ކަނޑައަޅާފައިވަނީ ގުރުއަތު ލައިގެންނެވެ.

މި ފްލެޓްތަކަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2013 ވަނަ އަހަރުގެ ފެށި މަޝްރޫއެކެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ އާބަންކޯ އާއި އާއި ނޫމަޑި ރިސޯޓް އެންޑް ރެޒިޑެންޓްސް އަދި ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" ގުޅިގެންނެވެ.

މި މަޝްރޫއު މަސައްކަތް ކުރިއަށް ނުގޮސް ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ގައި އެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމަބް އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. އެކަމަކު އެ ކުންފުނަޏަށް ވެސް ފްލެޓްތައް ނިންމާ ނުލެވުމުން މި ސަރުކާރުން ޗައިނާގެ ދަ ޓެވެންޑީ ތާޑް މެޓަލިޖިކަލް ކޮންސްޓްރަކްޝަން ގްރޫޕްއާ މަޝްރޫއު ހަވާލުކުރި އެއެވެ.

"ސިފްކޯ ހިޔާ" ގައި ހިމެނެނީ 330 އެޕާޓްމަންޓް ހިމެނޭ ތިން ޓަވަރެވެ. ކޮންމެ އެޕާޓްމަންޓެއްގައި 900 އަކަފޫޓު ހުރެ އެވެ. މިއީ ތިން ކޮޓަރީގެ ލަގްޒަރީ ފެންވަރުގެ އެޕާޓްމަންޓްތަކެވެ.

ސިފައިންގެ އިތުރުން ފުލުހުންނަށް ހާއްސަކޮށްގެން ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއެއް އަންނަނީ ހިންގަމުންނެވެ.