Last Updated: May 9, 20:53
Friday, May 9, 2025
ޚަބަރު

ތިލަމާލެ ބްރިޖް ނިންމާނީ އަޅުގަނޑު: މުއިއްޒު

ތިލަމާލެ ބްރިޖް މަޝްރޫއު ނިންމާނީ އޭނާގެ ސަރުކާރެއްގައި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. ހުޅުދުއްފާރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބްރިޖް އެޅީ 190 މިލިއަން ޑޮލަރަށް ކަމަށާއި އެ ބްރިޖު ފެންނަން އޮތްއިރު މި ސަރުކާރުން 700 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އޭގެތެރެއިން 190 މިލިއަން ޑޮލަރު ހޭދަކުރިއިރު ވެސް އެ ބްރިޖަށް ވީގޮތެއް ނޭނގޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ނަމުގައި ދަރަނި ނަގައިގެން 190 މިލިއަން ޑޮލަރު މި 700 މިލިއަނުން ހަރަދުކޮށްފިއޭ މިހާރު، ހަރަދުކުރިއިރު ފެންނާކަށް ނެތޭ އެންމެ ތަނބެއް ވެސް. ބްރިޖެއް ނެތް ފެންނާކަށް،" މުއިއްޒު ވިދާޅުވި އެވެ.

ބްރިޖު މަތިން ޖުލައި މަހުގެ ތެރޭގައި މާލެއާ ވިލިނގިއްޔާއި ދެމެދު ދުއްވޭނެ ކަމަށް މި ސަރުކާރުން ވައުދުވި ކަމަށާއި ނަމަވެސް އަދިވެސް ދުއްވެނީ ފެރީގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މި ސަރުކާރުން ދެވަނަ ދައުރަކަށް ވޯޓު ހޯދަން އަންނައިރު މިއީ ރައްޔިތުން ކުރަންޖެހޭ ސުވާލުތައް ކަމަށާއި މި ސަރުކާރުން ނަގާ ދަރަނިތަކަކީ ހުރިހާ ދިވެހިންގެ ބޮލުގައި އެޅޭ ދަރަނި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމަ މި މަޝްރޫއު ވެސް ހަމަ މަގަށް އަޅުވައިގެން ކުރިއަށް ގެންދާނީ އަޅުގަނޑުމެން. ރައްޔިތުންނަށް އެ މަޝްރޫއިން ވެސް އުފާ ފާގަތިކަން ގެނެސްދީ އެ ބްރިޖު ވެސް ނިންމަައިދޭނީ އިރާދަކުރެވިއްޔާ އަޅުގަނޑުމެން،" މުއިއްޒު ވިދާޅުވި އެވެ.

ޖުމްލަ 6.7 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖްގެ މަސައްކަތާ ހަވާލުވެފައި ވަނީ އިންޑިއާގެ އެފްކޮންސް އިންސްފްރާސްޓްރަކްޗާ ލިމިޓެޑެވެ. ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް އެފްކޮންސްއާއެކު ސަރުކާރުން ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ.