Last Updated: April 29, 15:08
Monday, April 29, 2024
ޚަބަރު

ކަރަންޓް ފްލެޓް ރޭޓުން 30-50 ޕަސެންޓް ކުޑަވާނެ

އަހުމަދު ޝަރީފް- ފޮޓޯ: ސްޓެލްކޯ

ކަރަންޓަށް ބިލްކުރާ ބޭންޑް ފްލެޓް ރޭޓަކަށް ހެދުމުން 31 ޕަސެންޓާއި 52 ޕަސެންޓާއި ދެމެދު ބިލް ކުޑަވެގެންދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމަނިކުފާނުގެ ރިޔާސީ ވައުދެއްގެ ގޮތުންވަނީ ކަރަންޓަށް އެކި ބޭންޑްތަކަކުން އަގުކުރުމުގެ ބަދަލުގައި ފްލެޓް ރޭޓަކުން އަގު ނަގަން ނިންމަވާ، އެކަން ހާމަކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ވަކި ރޭޓެއް ކަނޑައެޅުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ޔޫޓިލިޓީ އޮތޯރިޓިއާ މަޝްވަރާ ކުރެވޭކަމަށެވެ.

އެގޮތުން ކަރަންޓަށް ބިލްކުރާ ބޭންޑް ފްލެޓް ރޭޓަކަށް ހެދުމުން 31 ޕަސެންޓާއި 52 ޕަސެންޓާއި ދެމެދު ބިލް ކުޑަވެގެންދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ފްލެޓް ރޭޓް ކަނޑައެޅުންކަމަށްވެސް ވިދާޅުވިއެވެ.

ކަރަންޓް ރޭޓް ފުލެޓް ރޭޓަކަށް ހެދި ނަމަވެސް ސްޓެލްކޯ ގެއްލުމުގައި ހިންގަން ނުޖެހޭނެ ކަމަށާއި މިއީ ކަރަންޓު އަގު ހެއު ކުރުމަށް ސަރުކާރަކަށް އެޅޭނެ އެންމެ ރަނގަޅު އަވަސް ފިޔަވަޅުކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ މިއީ މިހާތަނަށް ރާއްޖޭގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް އަގު ހެއު ކުރުމަށްޓަކައި އެޅޭނެ އެންމެ ފުރިހަމަ އެންމެ އަވަސް ފިޔަވަޅު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ބަދަލާއެކު ސްޓެލްކޯގެ އާމްދަނީ ކުޑަވާނެ މިންވަރާއި އާމްދަނީ ހިފަހައްޓަންޖެހޭނެ މިންވަރު ބެލުމަށް ދިރާސާ ކުރަމުން ގެންދާ ކަމަށެވެ.