Last Updated: May 11, 19:51
Sunday, May 11, 2025
ޚަބަރު

މުއިއްޒު ހޮވިއްޖެ ނަމަ ސަރުކާރަށް ގޭންގުތައް ވައްދާނެ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިހާބުވެއްޖެނަމަ ސަރުކާރުގެ ތެރެއަށް ގޭންގުތައް ވައްދާނެ ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިން މޭޓު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

ރޭ މާލޭގައި އެމްޑީޕީން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަމުން ސަލީމް ވިދާޅުވީ ގޭންގުތަކެއް ވެރިކަމުގެ ނިޒާމުގެ ތެރެއަށް ހޯރަ އަޅަމުންދާ ކަމަށާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓު ފަހަތުން ފެންނަނީ ގޭންގުތައް ކަމަށެވެ. އަދި އެ ބޭފުޅުންގެ ކެމްޕޭނަށް ހަރަދުކުރަނީ އަދި ދުއްވާ ލޯންޗުތަކަކީ ވެސް ގޭންގުތަކުގެ އުޅަނދު ކަމަށާއި މިއީ ވިސްނާލަންޖެހޭ ކަމެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރިން ކުރެއްވި ސަލީމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގޭންގުތަކުން ބޭނުންވާ މީހަކު ލާން ވެސް މަސައްކަތް ކުރި ކަމަށެވެ.

"އެ ސަރުކާރެއް މިއަދު އައިސްފިއްޔާ ކާކުތޯ ޒިންމާ ނަގާނީ. މިއީ ވަރަށް ސީރިއަސް ވާހަކަ އަޅުގަނޑު މި ދެންނެވީ. އެ މީހުންގެ ރޭވުން ހުރީ އެ ގޮތަށް، މުޅި ސަރުކާރުގެ ތެރެއަށް މި ކަޅު ވިލާގަނޑު ވައްދަން،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވަނީ ރައީސް ސޯލިހަށް ތާއީދުކުރަން ނިންމީ ވެރިކަމުގެ ނިޒާމުގެ ތެރެއަށް ޑްރަގުގެ ގޭންގުތައް އައިސް ފައި ހިއްޕާލާތީ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ހުންނެވި މަގާމުގެ ގޮތުން މިފަދަ އަނިޔާއެއް ރައްޔިތުންނަށް ވާން އަންނައިރު ރައްޔިތުންނަށް އެ ވާހަކަ ދެންނެވުމަކީ އޭނާގެ ވާޖިބެއް ކަމަށްވެސް ވިދާޅުވެފަ އެވެ.