ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ފެންނަނީ އުއްމީދު ކަމަށާއި މާޔޫސްކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރޭ މާލޭގައި އެމްޑީޕީން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ނިކުތީ އެމްޑީޕީން ބޭނުންވި ގޮތަކަށް ނޫން ކަމަށާއި ނަމަވެސް އެއަށް ފަހު އިށީނދެ ބަލާލުމުން ފެންނަނީ މާޔޫސްކަމުގެ ބަދަލުގައި ބޮޑުކޮށް އުއްމީދު ކަމަށެވެ. އަދި އިންތިހާބު ކާމިޔާބުކުރުމަށްޓަކާ ކުރެވެން ހުރި އެތައް ކަންތައްތަކެއް ނުކޮށް ދޫކޮށްލެވިފައި ހުރިކަން ފާހަގަކުރެވުނު ކަމަށާއި ފާއިތުވި 16 ދުވަސްތެރޭ އެކަންކަމަށް ބަލާލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އޭގެ ވަރަށް ގިނަ ކަންކަން ބަދަލުކޮށްފައިވާ ކަމަށާއި އެގޮތުން ދެވަނަ ބުރުގައި ހަމައެކަނި މާލޭގެ އެކި ސަރަހައްދުތަކުގައި 2،000 އަށް ވުރެ ގިނަ މީހުން އެމްޑީޕީގެ ޓީމުތަކުގައި ވޯޓުލާ ދުވަހު ހަރަކާތްތެރިވާނެ ކަމަށެވެ.
"މީގެ ނަތީޖާއަކަށް ވާނީ ކުރީ ދުވަހު އަޅުގަނޑުމެންނަށް ހެދުނު ގޯސްތައް ހައްލުކޮށް، ހެނދުނު ހެނދުނާ ނިކުމެ އަޅުގަނޑުމެން މަސައްކަތް ފަށައިގެން ވޯޓު ފޮށިތައް ފުރާލާ އަޅުގަނޑުމެން މި ބޭނުންވާ ނަތީޖާ ހާސިލުވުން،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.
އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މާދަމާ އެވެ.