Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

އިދިކޮޅަށް ވެރިކަން ލިބިއްޖެ ނަމަ ޑިމޮކްރެޓްސް ރޯނެ

ޕީޕީއެމް/]ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ، ކުރީގެ މުހައްމަދު ނަޝީދު އިސްކޮށް ހުންބަވައިގެން އުފެއްދި ޕާޓީ، ޑިމޮކްރެޓްސްގެ މެމްބަރުން ފަހުން ކަރުނަ އަޅައި، ރޯނެ ކަމަށް މި ހަފުތާގައި އެމްޑީޕީއާ ގުޅިވަޑައިގަތް އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ހުޅުމާލޭގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ދަނގެތީ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ވިދާޅުވީ ޕީޕީއެމަކީ އަނިޔާވެރި ޕާޓީއެެއް ކަމަށާއި އެ ޕާޓީގެ އަނިޔާ ރާއްޖޭގައި އަލުން އިޔާދަވިޔަ ނުދިނުމަށް، މާދަމާ ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ އިން ޑިމޮކްރެޓްސްގެ މެމްބަރުން ދައްކުވައިދޭން އެދިވަޑައިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިއެއް ނަޝީދަކީ. ރައީސް ސޯލިހާ މެދު ކޮންމެވެސް ސަބަބަކާ ހުރެ [ނަޝީދުގެ] ނުތަނަވަސްކަމެއް އެބަހުރި،" އިލްހާމު ވިދާޅުވި އެވެ. "އެކަމަކު އެއީ، އެ ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އަނިޔާ އާއި އުނދަގުލާއި ދުއްތުރާ އަދި ޖަލުގެ ގޮޅިތައް ފެންނަ ފަދަ ނުތަނަވަސްކަމަކަށް ވެގެން ނުވާނެ."

އޭނަ ވިދާޅުވީ މިއީ އަމިއްލަ މަސްލަހަތަަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަން ޖެހޭ ދަނޑިވަޅެއް ކަމަށެވެ.

"މިއެއް ނޫންތޯ ރިއަލިޓީ އަކީ؟" ޖުމްހޫރީ ޕާޓީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަތް އިލްހާމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ވޯޓްލައިގެން ގެނައި ސަރުކާރެކެވެ. އެހެންވެ ޕީޕީއެމްގެ ވެރިކަމެއް އަލުން އަތުވެއްޖެ ނަމަ، ޑިމޮކްރެޓްސްގެ މެމްބަރުން ފަހުން ކަރުނަ އަޅައި ރޯން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ރަށްރަށުގައި ތިބި މީހުން، މާލޭގައި ތިބި މީހުން ހިތާމަ ކުރާނެ. އެހެންވެ މިހާރު ގޭތެރެއިން އަންނަ ނުތަނަވަސްކަމެއްގެ ސަބަބުން، އެހެން ނުހެދުމަށް އެދިވަޑައިގެންނެވި "ތާރީހަށްޓަކައި އަޅުގަނޑު މިތަނަށް އަރައި، މި ވާހަކަ މި ދަންނަވާލީ." އިލްހާމް ވިދާޅުވި އެވެ.

މާދަމާ ބާއްވާ ދެވަނަ ބުރުގައި ރައީސާ ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.