މިއަދު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އަށް ކަމަށާއި އެއަށް ވުރެ އިތުރަށް ކޮމިޝަނުން ވޯޓުލާން ވަގުތު އިތުރުނުކުރާނެ ކަމަށެވެ.
"އެހެންވީމަ އިތުރު ކުރާނެ ކަމަށް ބައްލަވައިގެން، ވޯޓުލާން އެންމެ ފަހު ވަގުތަށް މަޑުނުކުރެއްވުން އެއީ ކޮމިޝަނުން ވަރަށް ބޮޑަށް އެދޭ ކަމެއް،" އޭނަ ވިދާޅުވި އެވެ.
އީސީން ވަނީ ވީ އެންމެ އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.
ދެވަނަ ބުރުގައި 282،804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.