ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން މިހާރު ކުރިއަށްދާ އިރު، އިންތިހާބުގެ ކަންކަން އަމާންކަމާއި ސުލްހަވެރިކަމާ އެކީ ކުރިއަށް ދާތީ އާންމުންގެ ފަރާތުން މިކަމަށް ލިބޭ އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފި އެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ބުނީ ފުލުހުން ތިބީ އިންތިހާބުގެ ސަލާމަތީ ކަންކަމާއި އާންމުންގެ ރައްކާތެރި ކަމަށް ތައްޔާރުވެގެން ކަމަށާއި އިންތިހާބަކީ އޮމާން އިންތިހާބަކަށް ހެދުމަށް އާންމުންގެ އެއްބާރުލުން ވަރަށް މުހިއްމު ވާނެ ކަމަށެވެ.
ދެވަނަ ބުރުގެ ވޯޓްލުން ފެށީ މިއަދު ހެނދުނު 8:00 ގަ އެވެ. ވޯޓްލުން ކުރިއަށް ދާނީ ހަވީރު 5:00 އާ ހަމައަށެވެ.
އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ވޭވްސް" ގެ ޗީފް ކޮމާންޑަރު އަހުމަދު ޝާކިރު ވަނީ އާންމުންނަށް ހާއްސަ މެސެޖެއް ވެސް ދެއްވައިފަ އެވެ. އެގޮތުން ވޯޓުލާން ބޭނުންވާ ތަކެތި ފިޔަވައި އެހެންތަކެތި ވޯޓުލާ ސަރަހައްދަށް ނުވެއްދުމާއި ވޯޓުލާންދާ އިރު ހުއްޓެން ޖެހޭ ކިޔު ޔަގީން ކުރުމާއި ވޯޓް ލުމަށް ފަހު ވޯޓުލާ ސަރަހައްދުގައި މަޑުނުކޮށް ދިއުމަށާއި އަމާންކަމާއި ސަލާމަތަށް ބުރޫއަރާނެ ފަދަ އެއްވެސް ކަމެއް ނުުރުމަށް އިލްތިމާސްކުރެއްވި އެވެ.
އިންތިހާބުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓަމުން އަންނަ އިރު، މި މަސައްކަތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި 1،262 ފުލުހަކު އަންނަނީ ހަރަކާތްތެރިވަމުންނެވެ.