ގައުމީ ހިދުމަތުގައި އަބަދުވެސް ދެމި ހުންނަވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ މިދިޔަ ފަސް އަހަރު މަސައްކަތްޕުޅު ކުރެއްވީ އިތުރު ދައުރެއް ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދުގައި ނޫން ކަމަށާއި، ބެއްލެވީ ވީ އެންމެ ރަނގަޅަކަށް ކަަންތައްތައް ކުރެއްވުމަށް ކަމަށެވެ. އަދި ގައުމުގައި ކުރަން ހުރި ބައިވަރު މަސައްކަތްތައް އަދިވެސް އެބަހުރި ކަމަށާއި އެކަންކަން ކުރަން އިތުރު ދައުރަކަށް ވެސް ޝައުގުވެރިކަން ހުންނެވި ކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް އަކީ އާ ގާނޫނު އަސާސީގެ ދަށުން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ނައިބު ރައީސް ކަމަށްވާއިރު، ފައިސަލް ވަނީ އަބަދުވެސް ރައްޔިތުންނާއި ގައުމަށް ހިދުމަތް ކުރުން މަތީ ދެމި ހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ކޮންމެ މަގާމެއްްގައި ހުއްޓަސް، ވަޒީފާއެއް އަދާކުރަން ހުއްޓަސް، ގައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް ކޮންމެ ކަމެއް އަޅުގަނޑު ކުރާނަން. އަޅުގަނޑު ވަރަށް ލޯބިވޭ ދިވެހި ގައުމު ދެކެ،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ހުންނަވާނީ އެގޮތުގައި ކަމަށާއި އެމަނިކުފާނަށް އެންމެ މުހިއްމީ ގައުމު ކަމަށެވެ. އަދި ދެމި ހުންނަވާނީ ރައްޔިތުންނާއެކު ކަމަށާއި ހެޔޮއެދެނީ ގައުމަށް ކަމަށްވާއިރު ދުވަހަކު ވެސް އެ ވިސްނުމަށް ބަދަލެއް ނާންނާނެ ކަމަށްވެސް ވިދާޅުވި އެވެ.