Last Updated: May 11, 17:05
Sunday, May 11, 2025
ޚަބަރު

ގޭންގުތަކުގެ ހަރަކާތްތައް އިތުރުވުމުން ފިޔަވަޅުތައް ވަރުގަދަކޮށްފި

މާލޭގައި މިއަދު ގޭންގުތަކުގެ ހަރަކާތްތައް އިތުރުވުމުން ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕްތަކުގެ ހަރަކާތްތައް މާލެތެރޭގައި އިތުރުވަމުންދާކަމަށް ފާހަގަ ކުރެވުމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އިންތިހާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އާންމުންގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މިފަދަ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުންނަށް އިންޒާރުދީ ބިރު ދެއްކުމާއި އިންތިހާބާ ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާދިނުން ފަދަ މައްސަލަތައް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ދެ މެމްބަރުން ކަމަށްވާ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް ބަޔަކު ވަނީ މިއަދު ހަމަލާދީފަ އެވެ.

މި މައްސަލަތައް ފުލުހުން އަންނަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.