ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރަސްމީކޮށް ހުޅުވާލި ވަގުތު ހަމަވެ، ވޯޓުލާން ކިޔުއަށް އެރުން ބަންދުކޮށްފި އެވެ.
ވޯޓުލާ ބައެއް މަރުކަޒުތަކުގެ ކިޔުޖެހިފައިވީ ނަމަވެސް ވޯޓުލާން ހުޅުވާލި ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. ނަމަވެސް މިހާރު ވެސް ކިޔުތަކުގައި ޖެހިފައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު އޮންނާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ހަވީރު 4:00 އާ ހަމައަށް 78 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ 221،496 މީހުންނެވެ. އަދި ވޯޓުނުލާ 61،308 މީހުން އެބަތިބި ކަމަށް އީސީގެ ތަފާސް ހިސާބުން ދައްކަ އެވެ.
ދެވަނަ ބުރުގައި 282،804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.