އެމްޑީޕީގެ ސަޕޯޓަރުންނަށް ފުރައްސާރަ ނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސްކުރައްވައިފި އެވެ.
ނަޝީދު މިކަމަށް އިލްތިމާސްކުރެއްވީ ރިޔާސީ އިންތިހާބުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ފަރާތަކުން އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ބަދުބަސް ބުނެ ފުރައްސާރަ ނުކުރުމަށް ވަރަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރުޅިވެރިކަން އިސްކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
Evves faraathakun MDP ge memberunaai supporterunah badhubas bune furassara nukurumah varah edhen. Rulhiverikan iskurumakee budhdhiverikameh noon.
— Mohamed Nasheed (@MohamedNasheed) September 30, 2023
ނަޝީދު މިކަމަށް އިލްތިމާސްކުރެއްވިއިރު މި މަހުގެ 30 ގެ ކުރިން ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީގެ ތާއީދާއެކު ފާސްކުރި އެ ގަރާރާއެކު އެ ވޯޓު ނަގައިދޭން މަޖިލީހުން ދާދިފަހުން ވަނީ އިލެކްޝަންސް ކޮމިޝަނުގައި ވެސް އެދިފަ އެވެ.
ނަމަވެސް އެ ވޯޓުގައި ނަޝީދު ބޭނުންފުޅުވާ ގޮތަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން އެމްޑީޕީން ތާއީދު ކުރާނެ ކަމެއް އަދި އެނގިފައެއް ނުވެ އެވެ. މިކަމާ ގުޅޭގޮތުން ދާދިފަހުން ނަޝީދާއި ރައީސް ސޯލިހު ވަނީ ރައީސް އޮފީހުގައި ވެސް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.