އެއްވެސް ޝަރުތެއް ނެތި ޖަލަށްލާފައިވާ އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރަން އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ސަރުކާރަށް ގޮވާލައިފި އެވެ.
ޖަމީލު މިކަމަށް ގޮވާލެއްވީ ރިޔާސީ އިންތިހާބުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.
އިންތިހާބުގެ ކާމިޔާބީއާ ގުޅިގެން ޖަމީލު މިރޭ ވިދާޅުވީ އިންތިހާބުގެ ނަތީޖާ އިން ޔާމީންގެ މައްޗަށް އުފުލި ދައުވާތަކުގެ "ލެޖިޓިމެސީ" ގެއްލިފައިވާ ކަމަށާއި ޝަރުތަކާ ނުލައި ޔާމީން ގެއަށް ބަދަލުކޮށް އެމަނިކުފާނަށް އުފުލި ދައުވާތައް އަނބުރާ ގެންނަން ގޮވާލާ ކަމަށެވެ. ޔާމީނަށް އުފުލި ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށާއި މިއީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ކަށަވަރު ކުރަން ކުރެއްވި ދައުވާތަކެއް ކަމަށް ޖަމީލު ވިދާޅުވި އެވެ.
"ގިނަވެގެން 24 ގަޑިއިރުތެރޭ ރައީސް ޔާމީން ގެއަށް ބަދަލުކުރައްވާށޭ. އަދި ހުރިހާ ދައުވާތަކެއް އަނބުރާ ގެންދާށޭ،" ޖަމީލު ވިދާޅުވި އެވެ.
ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު މުއިއްޒު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީން މިނިވަން ކުރަން މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި މުއިއްޒު ވާދަކުރެއްވީ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް ވުމުންނެވެ.