Last Updated: May 11, 17:05
Sunday, May 11, 2025
ޚަބަރު

ގައުމު ކުރިއަށް ގެންދާނީ ބާރު ސްޕީޑުގައި: މުއިއްޒު

ގައުމުގެ ކަންކަން ކުރިއަށް ގެންދަވާނީ ބާރު ސްޕީޑެއްގައި ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތާރީހީ ކާމިޔާބީ އަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ 17 ނޮވެމްބަރުގައި ރަސްމީ މަސައްކަތްކޮށް، ރައްޔިތުން ހަވާލުކުރަން ނިންމި މަސައްކަތް ފަށާނީ ވަރަށް ބާރު ސްޕީޑުގައި ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ކަމަށެވެ.

"ރައްޔިތުން އެދޭ ގޮތަށް ރާއްޖޭގެ ހުރިހާ ކަމެއް ބައްޓަންކުރުމުގައި ރެއާއި ދުވާލު މަސައްކަތް ކުރަން ކެރޭ ވަރުގަދަ ޓީމަކާ އެކީގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން." މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުން މިއަދު ހަވާލުކުރި ޒިންމާ އަދާކުރައްވާނީ އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާ ތެދުވެރިކަމާ އެކު ކަމަށާއި ދެވަނަ ބުރުން ހާމަވީ ދިވެހިން ބޭނުންވަނީ ދިވެހިންގެ ރާއްޖެއެއް އޮތުމަށް ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ 54 ޕަސެންޓް ވޯޓާއެކު އެވެ. މުއިއްޒަށް 127،377 ވޯޓު ލިބިފަ އެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 108،376 ވޯޓެވެ.

މާލޭ ސިޓީގެ މޭޔަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ މުއިއްޒު ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ފުރުއްވާފަ އެވެ.

ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި މުއިއްޒު ވާދަކުރެއްވީ ޕީޕީއެމުން ޓިކެޓް އަރުވާފައިވާ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް ވުމުންނެވެ. ޔާމީން މިވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރަށް މުއިއްޒު ނިކުންނެވީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނަކާއެކު ކަމަށްވާއިރު އެ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒު އެވެ. އަދި ދެވަނަ ބުރުގައި އެމްއެންޕީން މުއިއްޒަށް ތާއީދު ކުރެއްވިއިރު ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ތާއީދު ކުރި އެމްޑީއޭ އިން ވެސް ފަހު ވަގުތު ވަނީ ދެވަނަ ބުރުގައި މުއިއްޒަށް ތާއީދުކޮށްފަ އެވެ.