ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދިވެހިން ނިންމި ނިންމުމަކީ މުޅި ރާއްޖެ ހިތާމަކުރާނެ ނިންމުމެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒެއިނާ ވިދާޅުވީ ރައީސް ސޯލިހު ވަރުގެ އޯގާތެރި ހެޔޮވެރިއެއް މި ގައުމު ނުދެކޭ ކަމަށް މި ރާއްޖޭގެ ރައްޔިތުން އެއް އަޑަކުން ކިޔާދުވަސް މާލަހެއް ނުވާނެ ކަމަށެވެ. ރައީސް ސޯލިހަކީ ހުރިހާ ރައްޔިތުންނާ އަޅާލާ، ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންނަށްޓަކާ ވެރިކަން ކޮއްދެއްވި ހެޔޮ ރައީސެއް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
މިއަދުގެ ނިންމުމާ މެދު މުޅި ރާއްޖެ ހިތާމަކުރާނެ،" އޭނާ ވިދާޅުވި އެވެ.
ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ 54 ޕަސެންޓް ވޯޓާއެކު އެވެ. މުއިއްޒަށް 127،377 ވޯޓު ލިބިފަ އެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 108،376 ވޯޓެވެ.
މާލޭ ސިޓީގެ މޭޔަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ މުއިއްޒު ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ފުރުއްވާފަ އެވެ.
ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި މުއިއްޒު ވާދަކުރެއްވީ ޕީޕީއެމުން ޓިކެޓް އަރުވާފައިވާ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް ވުމުންނެވެ. ޔާމީން މިވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ.
އިންތިހާބުގެ ފުރަތަމަ ބުރަށް މުއިއްޒު ނިކުންނެވީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނަކާއެކު ކަމަށްވާއިރު އެ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒު އެވެ. އަދި ދެވަނަ ބުރުގައި އެމްއެންޕީން މުއިއްޒަށް ތާއީދު ކުރެއްވިއިރު ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ތާއީދު ކުރި އެމްޑީއޭ އިން ވެސް ފަހު ވަގުތު ވަނީ ދެވަނަ ބުރުގައި މުއިއްޒަށް ތާއީދުކޮށްފަ އެވެ.