Last Updated: May 11, 17:05
Sunday, May 11, 2025
ޚަބަރު

ސަރުކާރު ޒިންމާދާރު ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް - ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރު ޒިންމާދާރު ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުން އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާ ގުޅިގެން ފައްޔާޒު ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވާ ކަމަށާއި އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރު ޒިންމާދާރުކޮށް ޑިމޮކްރެސީގެ ހަމަތައް ހިފަހައްޓާތޯ ބެލުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށެވެ.

ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ 54 ޕަސެންޓް ވޯޓާއެކު އެވެ. މުއިއްޒަށް 127،377 ވޯޓު ލިބިފަ އެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 108،376 ވޯޓެވެ.

މާލޭ ސިޓީގެ މޭޔަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ މުއިއްޒު ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ފުރުއްވާފަ އެވެ.

ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި މުއިއްޒު ވާދަކުރެއްވީ ޕީޕީއެމުން ޓިކެޓް އަރުވާފައިވާ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް ވުމުންނެވެ. ޔާމީން މިވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރަށް މުއިއްޒު ނިކުންނެވީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނަކާއެކު ކަމަށްވާއިރު އެ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒު އެވެ. އަދި ދެވަނަ ބުރުގައި އެމްއެންޕީން މުއިއްޒަށް ތާއީދު ކުރެއްވިއިރު ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ތާއީދު ކުރި އެމްޑީއޭ އިން ވެސް ފަހު ވަގުތު ވަނީ ދެވަނަ ބުރުގައި މުއިއްޒަށް ތާއީދުކޮށްފަ އެވެ.