އެމަނިކުފާނުގެ ވެރިކަމެއްގައި ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތާރީހީ ކާމިޔާބީ އަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ ކެމްޕޭނު ތެރޭގައި ވެސް ހާމަކުރެއްވި ގޮތަށް ހިންގާނީ ދެފުށް ފެންނަ ސަރުކާރެއް ކަމަށާއި ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު ދެންނެވިން ކެމްޕޭނު ތެރޭގައި، އަޅުގަނޑުމެން ވަރަށް ދެފުށް ފެންނަ ސަރުކާރެއް ހިންގާނީ. ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ. ޖަވާބު ނުދެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އެހެން އެގޮތަށް ދާނެ ކަމުގެ ޔަގީންކަން އަރުވަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ބަހާއި އަމަލާއި ދިމާވާނެ ކަމަށާއި އިއްޔެ ރައްޔިތުން ނިންމީ ދިވެހިންގެ ރާއްޖެ އަނބުރާ ހޯދަން ނިންމި ވަރުގަދަ ނިންމުމެއް ކަމަށެވެ. އަދި ގައުމަށް އޮތީ އުފާ ފާގަތިކަން ކަމަށާއި ރައްޔިތުން އެދޭ ގޮތަށް ގައުމުގެ ކަންކަން ބައްޓަން ކުރައްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މަސައްކަތް ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް ރާއްޖޭގެ ހުރިހާ ކަމެއް ބައްޓަންކުރުމުގައި ރެއާއި ދުވާލު މަސައްކަތް ކުރަން ކެރޭ ވަރުގަދަ ޓީމަކާ އެކީގައި ކަމަށްވެސް ވިދާޅުވި އެވެ.
ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ 54 ޕަސެންޓް ވޯޓާއެކު އެވެ. މުއިއްޒަށް 127،377 ވޯޓު ލިބިފަ އެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 108،376 ވޯޓެވެ.
މާލޭ ސިޓީގެ މޭޔަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ މުއިއްޒު ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ފުރުއްވާފަ އެވެ.
ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި މުއިއްޒު ވާދަކުރެއްވީ ޕީޕީއެމުން ޓިކެޓް އަރުވާފައިވާ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް ވުމުންނެވެ. ޔާމީން މިވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ.
އިންތިހާބުގެ ފުރަތަމަ ބުރަށް މުއިއްޒު ނިކުންނެވީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނަކާއެކު ކަމަށްވާއިރު އެ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒު އެވެ. އަދި ދެވަނަ ބުރުގައި އެމްއެންޕީން މުއިއްޒަށް ތާއީދު ކުރެއްވިއިރު ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ތާއީދު ކުރި އެމްޑީއޭ އިން ވެސް ފަހު ވަގުތު ވަނީ ދެވަނަ ބުރުގައި މުއިއްޒަށް ތާއީދުކޮށްފަ އެވެ.