Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

ނިޒާމީ ވޯޓަށް ހޭދަކުރާ 40 މިލިއަން އެކަނިވެރި މައިންނަށްދީ

ރޮޒެއިނާ އާދަމް - ފޮޓޯ: މަޖިލިސް

ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގަން ދައުލަތުގެ ބަޖެޓުން ހޭދަކުރާ 40 މިލިއަން ރުފިޔާ އެކަނިވެރި މައިންނަށް ދިނުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭގޮތުން އެމްޑީޕީން ދެކޭގޮތް ކަނޑައަޅަން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން ރޮޒެއިނާ ވިދާޅުވީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގަން 40 މިލިއަން ރުފިޔާ ހޭދަކުރުމަށް ވުރެ އެ ފައިސާ ރާއްޖޭގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެކަނިވެރި މައިންނަށް ބަހާލުން މާ ރަނގަޅު ކަމަށެވެ.

"އަޅުގަނޑެއް ނުދެކެން މި 40 މިލިއަން ރުފިޔާ އަޅުގަނޑުމެންގެ ގައުމުން މި ބޭކާރު މަސައްކަތުގައި ހޭދަކުރަންވެއްޖެ ކަމަށް،" ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ ތާއީދުކުރަނީ ރިޔާސީ ނިޒާމެއް ކަމަށާއި ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ވެރިމީހާ ހޮވުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް ލިބެންޖެހޭ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރަކަށް 200 ވޯޓު ލިބިގެން މަޖިލީހަށް ހޮވޭ ބޭފުޅަކު ވެސް އިންތިހާބު ވެދާނެ ކަމަށާއި މިއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ބަޖެޓުން 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ނިޒާމީ ވޯޓެއް ނަގަން ވެސް ނުފެންނަ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ވަނީ ނިޒާމީ ވޯޓެއް ނެގުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފަ އެވެ. އެ ގަރާރުގައިވާ ގޮތުން އެ ވޯޓު މި މަހުގެ 30 ގެ ކުރިން ނަގަންޖެހެ އެވެ. އެ ވޯޓު ނަގަން މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް ވެސް ވަނީ އަންގައިފަ އެވެ.

މި މަހު 30 ގެ ކުރިން ނިޒާމީ ވޯޓެއް ނަގަން މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ދެން މި މަހު ނިޒާމީ ވޯޓެއް ނުނެގޭނެ ކަމަށް މިއަދު ބުނެފަ އެވެ.