Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

މިއީ ބަޣާވާތް ކުރަންވީ ވަގުތެއް ނޫން

މިއީ ބަޣާވާތަކުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ވައްޓާލަންވީ ވަގުތު ނޫން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭގޮތުން އެމްޑީޕީން ދެކޭގޮތް ކަނޑައަޅަން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޝައުނާ ވިދާޅުވީ އެމްޑީޕީ އަށް މިވަގުތު ކުރެވޭނެ އެންމެ މުހިއްމު ކަމަކީ އިންތިހާބީ ސަރުކާރު ޒިންމާދާރު ގޮތެއްގައި ޖަވާބުދާރީ ކުރުވުން ކަމަށެވެ. އަދި މިކަން ކުރެވޭނީ ރޭވުންތެރިކަމާއެކު އިންތިޒާމާއެކު އަބަދު ވެސް އެމްޑީޕީން މިކަން ކުރާ ގޮތަށް މަސައްކަތްކޮށްގެން ކަމަށް ޝައުނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ތެޅިފޮޅިގަނެގެން ވެރިކަމުގެ ނިޒާމު ގަނޑުބަނޑުކޮށްގެން، އިންތިހާބީ ރައީސަކު ބަޣާވާތަކުން ވައްޓާލަންވީ ވަގުތެއް ނޫން،" ޝައުނާ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ ރައްޔިތުން ނިންމި ނިންމުން ބޮލާލާ ޖެހުމަށްފަހު ބަޣާވާތަކުން ސަރުކާރު ވައްޓާލަން ރޭވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެމްޑީޕީ އަކީ އަބަދުވެސް ޑިމޮކްރެޓިކް އުސޫލުން ސަރުކާރު ހިންގަން ވަކާލާތު ކުރާ ޕާޓީއެއް ކަމަށާއި އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުން އައި ކަންކަން ބޮލާލާ ޖަހަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަސައްކަތްތައް އަވަސް ކުރެވޭނީ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެންތޯ ނުވަތަ މި ހިދުމަތްތައް ދޭންހުރި މުއައްސަސާތައް އިތުރަށް ހަރުދަނާކޮށްގެންތޯ ސުވާލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންގެ ވެސް ރޫހު ހުރީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ދެކޮޅަށެވެ. ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ދަ ޑިމޮކްރެޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.