Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

ޝައްކު ނުކުރޭ، އަނިޔާވެރިވާނަމަ އެމްޑީޕީ ނިކުންނާނެ

ދެން އަންނަ ސަރުކާރަކުން ވެސް އަނިޔާވެރިކަން އިސްކުރާނަމަ އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ހައްގުތައް ރައްކާތެރިކުރަން މެޔާއި ޖިސްމު ކުރިމައްޗަށް ލައިގެން ނިކުންނާނީ އެމްޑީޕީން ކަމަށާއި ދެން އުފެދޭ ސަރުކާރަކުން ރަނގަޅަށް ކަންތައް ގެންދާނެ ކަމަށް އުއްމީދުކުރި ނަމަވެސް ހައްގުތައް ނިގުޅައިގަންނަތަން ބަލަން އެމްޑީޕީން ނުތިބޭނެ ކަމަށެވެ.

ސަރުކާރު ރަނގަޅު ގޮތުގައި ހިންގައި އަދި ގައުމަށާއި ރައްޔިތުންނަށް ހެވާއި ލާބައަށް ކުރާ ކޮންމެ ކަމެއްގައި ބައިވެރިއެއްގެ ގޮތުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށާއި ނަމަވެސް ރައްޔިތުންނަށް އަނިޔާވެރިވެ، ގާނޫނު އަސާސީއާ ހިލާފަށް ކުރާ ކަންތައްތަކުގައި އެންމެ ކުރީ ސަފުގައި އެކަމާ އިހުތިޖާޖުކޮށް އިދިކޮޅު ހެދުމުގައި އެމްޑީޕީ އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އެކަމާ އެއްވެސް ރައްޔިތަކު ކުޑަކޮށް ވެސް ޝައްކު ކުރާނެ ކަމެއް ނެތް. ކުޑަކޮށް ވެސް ޖެހިލުންވެވަޑައިގަންނަވާނެ ކަމެއް ނެތް. ކުޑަކޮށް ވެސް ދެރެވެ ވަޑައިގަންނަވާނެ ކަމެއް ނެތް. އަޅުގަނޑުމެންނަކީ ތިބޭފުޅުންގެ ހައްގުތައް އަދިވެސް ރައްކާތެރިކުރާނެ ޕާޓީކަން ކަށަވަރު ކުރައްވާ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ މަގުސަދަކަށް ވާނީ އަލަށް އިންތިހާބު ކުރި ސަރުކާރު ޒިންމާދާރުކޮށް އަލުން އަނބުރާ އަނިޔާވެރިކަމަށް ދިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން ކަމަށެވެ. އަދި ޒުވާނުން އެމްޑީޕީއާ ގުޅުމަށް ދައުވަތު އަރުވާ ކަމަށާއި ތާ އަބަދު އެމްޑީޕީގެ ލީޑަޝިޕްގައި ދެމި ތިބެން ގަސްދު ނުކުރައްވާ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓެއް ނަގާނަމަ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން ގަރާރެއް ފާސްކޮށްފަ އެވެ. އެ ގަރާރު ފާސްކުރީ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 90 މެމްބަރުންގެ ތާއީދާއެކު އެވެ.