ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރަން އަދާލަތު ޕާޓީން ވެސް ނިންމައިފި އެވެ.
އަދާލަތުން ބުނީ ބަރުލަމާނީ ނިޒާމަށް ތާޢީދު ނުކުރުމަށް މިރޭ ބޭއްވުނު އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފައިވާ ކަމަށެވެ.
އަދާލަތުން މިގޮތަށް ފާސްކުރިއިރު ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓެއް ނަގާނަމަ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. މިގޮތަށް ފާސްކުރީ 90 މެމްބަރުންގެ ތާއީދާއެކު އެވެ.
ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދެއްކި ހުރިހާ މެމްބަރުންގެ ވެސް ރޫހު ހުރީ ބަރުލަމާނީ ނިޒާމާއި ދެކޮޅަށްކަން ފާހަގަކުރެވެ އެވެ. އެގޮތުން މި ޖަލްސާގައި އެމްޑީޕީ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ރައީސް ވަނީ ނިޒާމީ ވޯޓެއް ނަގައިފިނަމަ ރިޔާސީ ނިޒާމު ދަމަހައްޓަން އަމަލީ ގޮތުން ނިކުންނަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ވަނީ ނިޒާމީ ވޯޓެއް ނެގުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފަ އެވެ. އެ ގަރާރުގައިވާ ގޮތުން އެ ވޯޓު މި މަހުގެ 30 ގެ ކުރިން ނަގަންޖެހެ އެވެ. އެ ވޯޓު ނަގަން މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް ވެސް ވަނީ އަންގައިފަ އެވެ.
މި މަހު 30 ގެ ކުރިން ނިޒާމީ ވޯޓެއް ނަގަން މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ދެން މި މަހު ނިޒާމީ ވޯޓެއް ނުނެގޭނެ ކަމަށް މިއަދު ބުނެފަ އެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ދަ ޑިމޮކްރެޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.